ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.
ސަރުކާރު ކޯލިޝަންގައި ވެސް އޮތް އަދާލަތުން މިގޮތަށް ނިންމާފައިވަނީ މިއަދު ހަވީރު އެ ޕާޓީން ބޭއްވި މަޝްވަރާ މަޖިލީހުންނެވެ. މި މަޖިލީހުން ނިންމާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރުމަށް ރައީސް ޞާލިޙް އެދި ވަޑައިގެންފައިވާތީ އެކަން ކުރުމަށެވެ.
އަންނަ މަހު ފަސް ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވާދަ ކުރާ ކެނޑިޑޭޓަށް ތާއީދު ކުރަން އަދާލަތު ޕާޓީގެ އިތުރުން ކޯލިޝަންގައި ހިމެނޭޖުމްހޫރީ ޕާޓީންވެސް ވަނީ އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމާފައެވެ. ކޯލިޝަންގައި ދެން ހިމެނޭ ރައީސް މައުމޫންގެ އެމްއާރުއެމް އިން އަދި ވަކި ގޮތެއް ނުނިންމައެވެ. އެހެން ނަމަވެސް މި އިންތިޚާބަށް ބޮޑެތި ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތު ކޮށް، ރައްޔިތުންނަށް އެންމެ ފެންނަ ކެނޑިޑޭޓަކަށް ވޯޓް ލުމަށް އެމްއާރުއެމް އިން މިއަދުވަނީ ގޮވާލާފައެވެ.
އަދާލަތު ޕާޓީން ރާޝިދަށް ތާއީދު ކުރަން ނިންމި ނަމަވެސް އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވަމުންނެވެ. މިއަދު އަދާލަތު ޕާޓީގެ ދީނީ މަޖިލީހުގެ މެންބަރު ޝެއިޚް ޒައިދުވަނީ މި އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ނުލުމަށް ގޮވާލާފައެވެ.