ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވަމުން ދާތީ، އައިޖީއެމްއެޗުގައި އާންމު ސާޖަރީތައް ކުރުން މެދުކަނޑާލުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް ކޭސްތައް އިތުރުވާތީ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. މި ގޮތުން މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް އެހެން ހިދުމަތްތައް ވެސް ޑައުންގްރޭޑް ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ،
އަންނަ އާދިއްތަ ދުވަހުން ފެށިގެން ދުރާލައި ތާވާލުކޮށްގެން ހަދާ އާންމު ސާޖަރީތައް މެދުކަނޑާލަން ނިންމާފައި ވާއިރު ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު މި ސާޖަރީތައް އަލުން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައްވަނީ މެދުކަނޑާލާފައެވެ.