English Edition
Dhivehi Edition

ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ގާނޫނީ ލަފާ ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ހޯޕް ފޯރ ވިމެން އާއެކުގައެވެ.

ޖެންޑަރ މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އެވެ. ހޯޕް ފޯރ ވިމެންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕާރސަން އަޙްމަދު އަންވަރު އެވެ.

މި އެއްބަސްވުމުގެ ދަށުން ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅޭ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން އަދި ޕިއަރ ސަޕޯޓް ގުރޫޕުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިނިސްޓްރީއާއި އެކު ހޯޕް ފޮރ ވިމެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

މި އެމް.އޯ.ޔޫގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ހޯޕް.ފޯރ.ވިމެން އިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި އެކު މަސައްކަތް ކުރަމުންދާނެއެވެ.

މިއީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެވެ. އެގޮތުން މި އެމް.އޯ.ޔޫގެ ދަށުން މާލޭގެ އިތުރުން އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވޭނެ އެވެ.

ދިރާސާތަކުން އެނގޭގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި، އަނިޔާ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަޙައްމަލު ކުރަން ޖެހިފައިވާ މީހަކަށްވާއިރު، މީގެ ތެރޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.

ސަރުކާރުން ވަނީ މިމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ‘ގެވެށި ގުޅުން’ ކެމްޕެއިން މިނަމުގައި 15 ޖުލައި 2020 ވަނަ އަހަރު ޚާއްސަ ކެމްޕެއިންއެއް ފައްޓާފައެވެ.

މިކެމްޕެއިންގެ ދަށުން މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާއްޖޭ އެކި ހިސާބުތަކުގައި ކުރިއަށްގެންދެވިފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ވޭދުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ މައްސަލަތައް އެހެން އަހަރުތަކާއި ބަލާއިރު އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުމަށް 1421 ޚިޔާރުކުރުމަށް އެދިފައެވެ.