English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ބަޔަކާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބީއޭޕީސީ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުﷲ އެވެ.

ދިވެހި ދައުލަތުން 12.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް 320 ދުވަސްތެރޭގައި ނިންމަން ޖެހެއެވެ. މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ލަފާކުރާ ތާރީޚަކީ 17 ފެބްރުއަރީ 2022 ވަނަ ދުވަހުއެވެ.

އަންހެނުންނަށް ވެސް ނަމާދުކުރެވޭނެ އިންތިޒާމާ އެކު މި މިސްކިތް ޢިމާރާތް ކުރަން ނިންމީ މިވަގުތު މަރަދޫގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ، އާ މިސްކިތަކަށް ބޭނުން ޖެހިފައިވުމުގެ ސަބަބުންނެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި، ގުދަން އަދި މުންނާރެއް ހުންނާނެއެވެ.