English Edition
Dhivehi Edition

ކޮވިޑް-19 އަށް ފައްސިވެ އައިސޮލޭޝަން މުއްދަތު ހަމަކުރުމަށްފަހު އެ ބަލިން ރަނގަޅުވެ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ލައޮނަލް މެސީ ބައިވެރިވާން ފަށައިފިއެވެ.

ކޮވިޑް އަށް ފައިސިވެ މެސީ އައިސޮލޭޓް ކޮށްފައިވަނީ މީގެ ދެ ހަފްތާއެއް ދުވަސް ކުރިންނެވެ. ކޮވިޑްގެ ސަބަބުން ޕީއެސްޖީ އެންމެ ފަހުން ލީގުގައި ބްރެސްޓް އެފްސީ އަދި ލިޔޮން އާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކުޅެފައެއް ނުވެއެވެ. ނަމަވެސް ކުރިޔަށް ހުރި މެޗުތަކަށް ފިޓު ވުމަށް މެސީވަނީ ޕީއެސްޖީން މިއަދު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީ ކޮވިޑް އަށް ފަހު މިހާރު ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށާއެި އެގޮތުން އަންނަ އާދިއްތަ ދުވަހު ލީގުގައި ރީމްސްއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީ ކުޅޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ސްޕެއިންގެ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި މެސީ ވަނީ މިހާތަނަށް އެ ކުލަބަށް ބަދަލުވި ފަހުން 16 މެޗެއް ކުޅެފައެވެ. މި 16 މެޗުގައި އޭނާ ވަނީ ހަ ލަނޑު ވެސް ޖަހާފައެވެ. ނަމަވެސް ލީގުގައި މިހާތަނަށް މެސީ ކުޅުނު 11 މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.