English Edition
Dhivehi Edition

ކޮޗިން ފެރީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަމަށާއި އެ ފެރީއިން ރާއްޖެއަށް އެތެރެކުރީ ހަތިޔާރުކަމަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ކޮޗިން ފެރީން ހދ. ހަނިމާދޫ އަށް ހަތިޔާރު އެތެރެކުރިކަމުގެ ތުހުމަތުކޮށް ޝުޖާއު ވިދާޅުވީ ކޮޗިން ފެރީގެ ދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑު މަންފާއެއް ލިބޭނެ ކަމަށް ވާހަކަތައް ދެކެވުނު ކަމަށެވެ.

މިއީ ރާއްޖެ އަޅުވެތި ކުރުމުގެ ކޮޅުމަތި ކަމަށް އޭރު ވެސް ޕީޕީއެމްއިން ބުނިކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ކޮޗިން ފެރީން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް ކަމަށާއި ރާއްޖެ ގެނައީ ހަތިޔާރު ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭނަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވީ އެ ހަރަކާތަކީ އެއްގޮތަކަށް ވެސް އިންޑިއާގެ ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންނާ ދެކޮޅަށް ހިންގާ ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތެއްކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިނިވަންވުމާއެކު އިދިކޮޅުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕެއިން އިތުރަށް ވަނީ ފުޅާކޮށްފައެވެ. މި ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ.