English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ކައުންސިލުން 2022 އަހަރު ބަޖެޓް ފާސްކުރުމަށް ބޭއްވި ޖަލްސާ ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީ ކައުންސިލުން 2022 ވަނަ އަހަރަށް ލަފާކުރާ އެ ކައުންސިލުގެ ބަޖެޓް ފާސްކޮށްފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ފުވައްމުލައް ސިޓީ އިދާރާގެ ކުރުނދުމާ މާލަމުގައި ބޭއްވި ކައުންސިލުގެ އާއްމު ބައްދަލުވުމުގައި އެ ކައުންސިލްގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 113.581 މިލިޔަން ރުފިޔާ އެވެ. މި ބަޖެޓް ފާސްކޮށްފައިވަނީ މި ޖަލްސާގައި ބައިވެރިވި ފުވައްމުލައް ސިޓީ ކައުންސިލަރުންގެ ފުރިހަމަ ތާއިދާއެކު ހުރިހާ ކައުންސިލަރުންގެ ވޯޓުންނެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވި މި ބައްދަލުވުމުގައި ފާއިތުވި 2021 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކުރެވުނު ގޮތާއި ބާކީ ހުރި ފައިސާގެ ތަފުސީލް ވަނީ ހުށަހަޅާފައެވެ އަދި މިއަހަރުގެ ބަޖެޓް ތައްޔާރު ކުރެވިފައިވާ ގޮތުގެ ޚުލާސާއެއް ހުށަހަޅާފައިވާއިރު ބަޖެޓާއި ގުޅޭގޮތުން ހުރިހާ ކައުންސިލަރުން ވަނީ ވާހަކަދައްކާ ފައެވެ.

މިއަހަރަށް ފާސްކުރެވުނު ބަޖެޓާއި ގުޅޭ ގޮތުން މޭޔަރު އިސްމާއީލު ރަފީޤު ވިދާޅުވީ މި އަހަރުގެ ބަޖެޓް ތައްޔާރުކުރެވިފައި ވަނީ ކުރިޔަށް އޮތް 5 އަހަރުގެ ތަރައްގީގެ ޕްލޭނާއި އެއްގޮތަށް ކަމަށެވެ.

މިގޮތުން ޕްރޮގްރާމް ބަޖެޓެއްގެ ގޮތުގައި 5 ދާއިރާ އަކަށް ބަޖެޓް ކުރެވިފައި ވާއިރު ދެމެހެއްޓެނިވި ތަރައްގީ އަށް 2.9 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އިޖުތިމާއީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް 2.7 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ދިރިއުޅުމަށް ހިތްގައިމު ސިޓީ އަށް 1.2 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ފެހި، ސާފު އަދި ރީތި ސިޓީއަށް 13.7 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ޒިންމާދާރު، ހިންގުންތެރި ކައުންސިލެއް ބިނާކުރުމަށް 1.4 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މިއަހަރު ފުވައްމުލައް ސިޓީ ކައުންސިލުގެ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 29.068 މިލިޔަން ރުފިޔާއެވެ. އަދި ދައުލަތުގެ ގްރާންޓްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 41.850 މިލިޔަން ރުފިޔާއެވެ.