English Edition
Dhivehi Edition

ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އާއި ރިއަލިޓީ ޓީވީ ތަރި ކިމް ކަޑޭޝިއަން ގެ 07 އަހަރުވީ ކައިވެނި ނިމުމަކަށް އައިސްފައިވާއިރު، ކިމް އާ ލޯބިވެރިޔަކު ހޯދި ހަބަރުތައްވެސް ވަނީ ދާދި ފަހުން މީޑިއާގައި ތިލަވެފައެވެ. މި ދެމީހުންގެ ގުޅުމާއި ބެހޭ ގޮތުން މިހާތަނަށް މާ ގިނަ ވާހަކަތައް ކާންޔޭ ދައްކާފައި ނުވި ނަމަވެސް ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި އޭނާ، ކިމްގެ ގެއަށް ދިއުމުން ދިމާވި ހާދިސާއެއް މީޑިއާގައި ހިއްސާކޮށްފައެވެ. މީގެ އިތުރުން ކާންޔޭ ވަނީ ކިމްގެ މިހާރުގެ ލޯބިވެރިޔާ އާއި އޭނާގެ ހަޔާތާއި ގުޅޭ ވާހަކަތައްވެސް މީޑިއާގައި ހިއްސާކޮށްފައެވެ.

މި ގޮތުން ކާންޔޭ ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ކުދިން ސްކޫލަށް ގެންދިއުމަށްޓަކައި ކިމްގެ ގެއަށް ދިއުމުން އެގޭގެ ސެކިއުރިޓީން އޭނާ ހިފަހައްޓާފައިވާކަމަށެވެ. އަދި ކުދިންނާއި ބައްދަލުކުރުމަށްވެސް އޭނާއަށް އެތެރެއަށް ދިއުމުގެ ހުއްދަ ސެކިއުރިޓީ އިން ދީފައި ނުވާކަމަށް ކާންޔޭ ވަނީ ބުނެފައެވެ.

ކާންޔޭ އާއި ކިމްގެ ކައިވެންޏަށް ހަތަރު ކުދިން ލިބިފައިވާއިރު، އޭނާއަށް ކުދިންނާއި ބައްދަލުކުރަން އެގެއަށް ނުވަދެވުނީ އެ ވަގުތު ކިމްގެ ލޯބިވެރިޔާ އެގޭގައި ހުރުމުން ކަމަށް ކާންޔޭ ވަނީ ބުނެފައެވެ.

މި ހާދިސާ އިތުރަށް ތަފްސީލުކޮށް ދެމުން ކާންޔޭ ބުނީ އޭނާގެ ފުރަތަމަ ދަރިފުޅު ނޯރތް، އެއްޗެއް ދައްކަން ވެގެން އޭނާ އެގެއަށް ވައްދަން ވަރަށް މަސައްކަތްކުރިކަމަށެވެ. އެހެންނަމަވެސް ސެކިއުރިޓީން އެ ފުރުސަތު ނުދިންކަމަށާއި އޭނާއަށް ޖެހުނީ ގޭޓު ބޭރުގައި މަޑުކުރަން ކަމަށް ކާންޔޭ ބުންޏެވެ. ” އަހަރެންގެ އަންހެން ދަރިފުޅު އެއްޗެއް ދައްކަންވެގެން އޭނާގެ ކޮޓަރި އަށް އަހަރެން ގެންދަން އުޅުމުންވެސް އެކަމަށް ހުއްދައެއް ނުލިބުނު. ފަހުން އެގުނީ ކިމްގެ ލޯބިވެރިޔާ އެގޭގައި އުޅޭތީ ކަން އަހަންނަށް އެގެއަށް ނުވަދެވުނީ” ކާންޔޭ ބުންޏެވެ.

މިދިޔަ ހަފްތާގައި ދިމާވި މި ހާދިސާ އާއި ގުޅިގެން އިތުރަށް ކާންޔޭ ބުނީ މިކަމާއި ގުޅޭ ގޮތުން މިހާރު އޭނާގެ އާއިލާ މީހެއް މެދުވެރިކޮށް ކިމް އާއި ވާހަކަވެސް ދައްކާފައިވާކަމަށެވެ. އަދި އޭނާ އާއި ދަރިންގެ ދެމެދަށް އެގޭގެ ސެކިއުރިޓީންވެސް އަދި އެހެންކަމެއްވެސް ނުވެއްދުމަށް އެދިފައިވާނެ ކަމަށް ކާންޔޭ ވަނީ ބުނެފައެވެ.

ކިމް އާއި ކާންޔޭ ލޯބީގެ ގޮތުން ގުޅުނީ 2012 ވަނަ އަހަރުއެވެ. އިޓަލީގައި ކުރި މިކައިވެންޏަކީ ވަރަށްކުލަ ގަދަކޮށް ބޭއްވި ކައިވެންޏެކެވެ. އެހެންނަމަވެސް ކައިވެންޏަށް 07 އަހަރު ފަހުން މި ދެ ތަރިން ވަކިވީ، ކާންޔޭ އަށް ބައިޕޯލާ ޖެހުމުންނެވެ.