English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

އދ. މަންދޫ ކައިރިއަށް އިއްޔެ ޑައިވިންއަށް ފޭބި ފަތުރުވެރިންގެ ތެރެއިން ގެއްލިގެން ހޯދަމުން އަންނަ މީހާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފް ބުނެފިއެވެ.

އިއްޔެ މެންދުރުން ފެށިގެން، ގެއްލިގެން ހޯދަމުން ދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ. އެމްއެންޑީއެފް އިން ބުނީ މަންދޫ ކައިރީ އޮތް ފަރަކަށް, އިތުރު ފަތުރުވެރިންތަކެއް ވެސް ޑައިވިންއަށް ފޭބި ކަމަށާއި ނަމަވެސް ގެއްލުނީ އެމީހާ އެކަނި ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް “ވެލާނާ” ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުނެވެ.

މި މީހާ ހޯދުމަށް ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.