English Edition
Dhivehi Edition

ގދ. ތިނަދޫ ރަށްވެހިން ނޫން އެހެން ފަރާތްތަަކަށް އެރަށުން ގޯތި ނުވަތަ ބޯހިޔާވަހިކަން ދިނުމަށް ނިންމައި، އެކަން އިއުލާނު ކޮށްފިއެވެ.

އެރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެރަށަކީ ހަލުވިމިނެއްގައި އާބާދީ އިތުރުވަމުން އަންނަ ރަށެއް ކަމަށާއި އެހެންކަމުން ތަރައްގީގެ އާ އުސްމިންތަކަކަށް ވާސިލުވުމަށް ކައުންސިލުން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި އެހެން ރަށްރަށުގެ ރައްޔިތުން ވެސް ހިމަނައިގެން ސަރަހައްދީ ތަރައްގީގެ ތެރެއިން އެންމެންނަށް ލާބަ ހުރި ގޮތްތައް ހޯދައި އެމަގުން މަސައްކަތްކުރުމަށް ބޭނުންވާ ކަމަށެވެ.

ތިނަދޫ ކައުންސިލުން ބުނީ ގޯތި ބޭނުންވާ، ރަށުން ބޭރުގެ ފަރާތްތަކުން ގޫގުލް ފޯމު މެދުވެރިކޮށް އަންނަ މާރޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ތިނަދޫގެ އުތުރު ފަރާތުން ބޮޑު ބިމެއް, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިއްކާފައިވީ ނަމަވެސް އެ ސަރަހައްދުން މިހައިތަނަށް އެއްވެސް ބަޔަކަށް ގޯތި ދޫކޮށްފައެއް ނުވެއެވެ.

އެރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރާނެ ކަމަށް ތިނަދޫ ކައުންސިލުން ކުރިން ވެސް ވަނީ ބުނެފައެވެ.