English Edition
Dhivehi Edition

ގިނަ ދުވަސްތަކަކަށް މޮނިޓަރިންގައި ބޭއްވުމަށް ފަހު އައްޑޫސިޓީ މޮނިޓަރިން އިން ނެގިތާ ކުޑަ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އައްޑޫގައި ކޮވިޑްގެ ހާލަތު ކަންބޮޑުވާ ދަރަޖައަށް ގޯސް ވެއްޖެއެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 159 އަކަށް އަރާފައިވާއިރު، ދުވާލެއްގެ މައްޗަށް 20 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވަމުން އަންނަ ކަމަށް \އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އައްޑޫ އީއޯސީ) އިން ވަނީ ބުނެފައެވެ.

އީއޯސީ އިން ބުނެފައިވަނީ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައިވެސް އައްޑޫގެ އަވަށްތަކުގައި 200 އިން މައްޗަށް މީހުން އުޅޭ ކަމަށާއި އަދި ކޮންމެ ޑައިރެކްޓް ކޮންޓެކްޓެއްގެ ސާމްޕަލް ނަގަންޖެހޭއިރު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދަނީ ވަރަށް ބާރުބޮޑުކޮށް ކަމަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުމާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ނިޒާރު ވިދާޅުވީ އައްޑޫގައި މާބޮޑަށް ބަލި ފެތުރިގެން ގޮސްފިނަމަ ފަރުވާ ދިނުމާއި އަދި ހާލަތު ކޮންޓްރޯލް ކުރުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި އައްޑޫގެ ހާލަތު މިހާރު އޮތް ގޮތުން އާއްމު އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރާ ކަމަށާއި އަދި މާސްކު އަޅައިގެން ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށް ވެސް ވަނީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

ނިޒާރުވިދާޅުވީ މާލެ ފިޔަވައި ވަސީލަތްތައް އެންމެ ރަނގަޅަށް ގާއިމުވެފައި މިވަގުތު ވެސް ހުރީ އައްޑޫގައި ކަމަށާއި އެހެން ނަމަވެސް މާބޮޑަށް ފެތުރިގެން ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ގޮސްފިނަމަ ފަރުވާ ދިނުމާއި ހާލަތު ކޮންޓްރޯލް ކުރުމަށް އުނދަގޫ ވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ސްކޫލް ބަންދަށް ފަހު އަންނަ އާދީއްތަ ދުވަހު އަލުން ސްކޫލްތައް ހުޅުވޭއިރު ސްކޫލްތަކުގައި ކިޔެވުން ފިޔަވައި އިތުރު ހަރަކާތްތައް ހިންގުން މަދުކުރުމަށް ވެސް މޭޔަރ ވަނީ އިލްތިމާސްކުރައްވާފައެވެ.