English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑި މިހާރު ވެސް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ޔަގީންކުރެވިފައިވާކަމަށް އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްގެ ކެމްޕޭން ޖަލްސާއެއްގައެވެ. މި ޖަލްސާގައި ނާޒިމް ވިދާޅުވީ ކޮމަންޑޫގެ އިތުރުން ފޯކައިދޫ އާއި މަރޮށީގެ ކޮންމެ ގެއަކަށް ޒިޔާރަތް ކުރުމުންވެސް، ހަންނާންއަށް އޮތް ތާއީދު ފެނިގެން ދިޔަ ކަމަށެވެ.

އެ ޕާޓީން މި ތިން ރަށުގެ ހުރިހާ ގެއަކަށްވެސް މިހާރު ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ހުރިހާ ގެއަކުންވެސް އަޑު އިވުނީ ހަންނާނަކީ އަޚްލާގު ރަނގަޅު އަދި މީހުން ތަރުބިއްޔަތު ކުރުމުގެ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ، މީގެ އިތުރުން ނާޒިމް ވިދާޅުވީ ހަންނާން މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ އެ ދާއިރާގެ މެންބަރުގެ ރޯލު އަދާ ކުރުމުން ކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އިން ވާދަކުރާނެއެވެ، މި އިންތިހާބަށް ތިން ޕާޓީންވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު، އީސީ އިން ވަނީ މި ތިން ޕާޓީންވެސް މި އިންތިހާބުގައި ވަރަށް ބޮޑަށް އެންޓި ކެމްޕެއިން ކުރަމުންދާކަން ފާހަގަކޮށްފައެވެ.