ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގެ ޓެސްޓު ޕޭޕަރު ލީކުވި ކަމަށް ސޯޝަލް މީޑިއާގައި ފަތުރަނީ ހަގީގަތާއި ޚިލާފުވާހަކަ އެއްކަމަށާއި ޕޭޕަރު ލީކުނުވާކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ހާމަކުރައްވައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒާމިނޭޝަން (ޑީޕީއީ) އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ ސުވާލުކަރުދާސް ތައްޔާރުކުރުމާއި ޖަވާބުކަރުދާސް ބެލުމުގެ ފަންނީ މަސައްކަތްކުރަނީ، މި އިމްތިހާނުގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ޙާއްސަ ކޮމިޓީއެއްގެ ސީދާ ބެއްލެވުމުގެ ދަށުންކަމަށެވެ.
“މިއަހަރުގެ އެސްއެސްސީ އިމްތިހާނުގެ ސުވާލުކަރުދާސް ލީކުވި ކަމަށާއި އަލުން އިމްތިހާން ބާއްވާ ކަމަށާއި މިނޫންވެސް މި އިމްތިހާނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މި ދުވަސްވަރު ފަތުރަމުންދާ އެއްވެސް ވާހަކައަކީ އެކަމުގައި ހަޤީޤަތެއް ހިމެނިފައިވާ ވާހަކައެއް ނޫން” ޑީޕީއީ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ އެސްއެސްސީ އިސްލާމް ޕޭޕަރު ލީކުނުވާ ކަމަށާއި އެ އިމްތިހާނު ދެވަނަ ފަހަރަށް ހަދަން ނިންމާފައިނުވާ ކަމަށެވެ. އިމްތިހާނުގެ ސުވާލު ކަރުދާސް ތައްޔާރުކޮށް ޖަވާބު ކަރުދާސް ބެލުމުގެ ކަންކަން ބަލަހައްޓަނީ އިމްތިހާނުގެ ކަންކަން ބަލަހައްޓަން ކަނޑައަޅާފައިވާ ހާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށާއި އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.