މި އަހަރުގެ އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން، އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް ދިއުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން އަންގައިފި އެވެ.
ޑީޕީއީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިމްތިޙާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަށުގައި ތިބި ދަރިވަރުން، 2020 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޭއެލް އެޑެކްސެލް އޭލެވެލް އިމްތިޙާނު ހެދުމަށްޓަކައި، އެ ކެންޑިޑޭޓަކު އިމްތިޙާނު ހަދާ ސެންޓަރ ހުރި ރަށަށް މި ހިނގާ ސެޕްޓެންބަރު 27 ވާ އާދީއްތަ ދުވަހުގެ ކުރިން ދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ މެއި/ޖޫން ގައި ބާއްވަން ހަމަޖެހިފައި އޮތް އޭލެވެލް އިމްތިހާނު ވަނީ މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެންބަރު މަހުގައި ބާއްވަން ނިންމައިފައެވެ. އެގޮތަށް ނިންމުމާއި ގުޅިގެން ގިނަ ދަރިވަރުންތަކެއް ވަނީ ރަށަށް ބަދަލުވެފައެވެ.
މި އަހަރުގެ އޭލެވެލް އިމްތިހާނުގައި ރާއްޖެއިން 1،529 ދަރިވަރުން ބައިވެރިވެއެވެ.