English Edition
Dhivehi Edition

ކޮމަންޑޫ ދާއިރާއަށް އެހެން ޕާޓީތަކުން މިފަހަރު ކުރިމަތިލުމަކީ ވަރަށް ލަދުވެތިކަމެއް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮމަންޑު ދާއިރާއަށް ވާދަކުރަން ނިންމާފައިވާތީ އެކަމަށް އިޖާބަދެއްވައެވެ.

މެމްބަރު ނިހާދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ދާއިރާއަށްޓަކައި އަދި އިސްލާހަށް ޤުރުބާންވެވަޑައިގެންނެވި އެދާއިރާގެ ކުރީގެ މެންބަރު މަރްހޫމް ޙުސައިން ވަޙީދުގެ ހައްގުގައި ވެސް އެއްވެސް ޚުލްގެއް ހުރިބަޔަކު އެ ދާއިރާއަށް ވާދަކުރުމަށް ނުނިކުންނާނެކަމަށެވެ.

ބިލިއަނުން ޑޮލަރާއި، އެ ދާއިރާގެ ޓިކެޓް ދީފައި ވާދަކުރަން ބުނިނަމަވެސް ނުކުރާނެކަމަށް ބުނެ، އިދިކޮޅު ފަރާތްތަކަށް ނިހާދު ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާގެ މެންބަރުކަންކުރެއްވި ޙުސައިން ވަޙީދު ކެންސަރުގެ އާލާސްކަންފުޅުގައި އަވަހާރަވުމާ ގުޅިގެންނެވެ.

ހުސްވެފައިވާ އެ ދާއިރާއަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރުމަށް ނިންމައި، ކެންޑިޑޭޓުން ވެސް ވަނީ ހޮވާފައެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ފެބްރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.