English Edition
Dhivehi Edition

މި ފެށޭ ފެބްރުއަރީ މަހު މާލެއާއި އެއް ފެންވަރެއްގައި ހުވަދުއަތޮޅުގައި ޑެންޓަލް ހިދުމަތް ފެށޭވަރު ވާނެ ކަމަށް “އެސް.އެމް.ސީ ވައިޓަލް ކެއަރ ކްލިނިކް” އިން ބުނެފިއެވެ.

އެގޮތުން ގދ. ތިނަދޫގައި ޑެންޓަލް ހިދުމަތް ދިނުމަށް ސަދަން މެޑިކަލް ސެންޓަރ (އެސް.އެމް.ސީ) އިން ވަނީ ވައިޓަލް ކެއަރ ކްލިނިކް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު، އެސް.އެމް.ސީ ގެ ނަން “އެސް.އެމް.ސީ ވައިޓަލް ކެއަރ ކްލިނިކް” ގެ ނަމަށް ރީބްރޭންޑްކޮށް ހިދުމަތް ފެށިގެންދާއިރު ފުޅާދާއިރާއެއްގައި ޑެންޓަލް ހިދުމަތް ތިނަދޫއިން ލިބިގެންދާނެއެވެ. މިގޮތުން ދަތް އުފުރުމާއި، ދަތް ޖެހުމާއި، ނަރުގަނޑު އެޅުވުމާއި، ދަތް ސާފުކުރުމާއި، ދަތުގައި ކެޕް އެޅުވުމާއި ދަތުގެ އެކްސްރޭ ފަދަ ގިނަ ހިދުމަތްތަކެއް އެކްލިކުން ލިބިގެންދާނެއެވެ.

އެސް.އެމް.ސީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޖުނެއިހު ޒާހިރު އެވެ. އަދި ވައިޓަލް ކެއަރގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑރ. މުޙައްމަދު މުތުއިމް އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެސް.އެމް.ސީ ގެ ޑިރެކްޓަރ ޑރ. އާޒިމް އަބްދުލް ޝަކޫރު ވިދާޅުވީ، އެ ކްލިނިކް އަކީ ތިނަދޫ އާއި ހުވަދުއަތޮޅުގެ ރައްޔިތުންނަށް އެންމެ ފުރިހަމަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވިގެންދިޔަ ތަނެއް ކަމަށެވެ.

އަދި ކްލިނިކް ހިންގާނީ މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ގޮތަށް ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެތަނުގައި ގިނަ ސްޕެޝަލިސްޓުން މަސައްކަތް ކުރައްވާނެކަމަށް އެސް.އެމް.ސީ ކްލިނިކް އިން ބުނެއެވެ. އަދި އޭގެ އިތުރުން ވިޒިޓިންގ ޑޮކްޓަރުން ވެސް ކުރިއަށް އޮތްތަނުގައި އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެސް.އެމް.ސީ އިން ބުނެއެވެ.

ވައިޓަލް ކެއަރ ގެ ފަރާތުން މީޑިއާތަކަށް މައުލޫމާތުދެމުން ވިދާޅުވީ، މާލެ ފިޔަވައި ރާއްޖޭގެ ރަށްރަށުގައި އެ ކްލިނިކްގެ ހިދުމަތް ދިނުމަކީ އެ ކްލިނިކްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މިގޮތުން މިހާރު ހދ. ކުޅުދުއްފުށީގައި ވައިޓަލް ކެއަރ ގެ ހިދުމަތް ދެމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ.

އެ ކްލިނިކް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދޭނީ މާލެއިން ވެސް ފޯރުކޮށްދޭ އަގުތަކުގައެވެ. އަދި އެ ކްލިނިކްގެ ހިދުމަތްތައް ދޭނީ ވިޔަފާރިއަކަށްވުރެ ބޮޑަށް ހިދުމަތެއް ގޮތުގައި ފޯކަސްކޮށްގެން ކަމަށް އެ ކްލިނިކުން ވަނީ ފާހަގަކޮށްފައެވެ.

ތިނަދޫ އެސް.އެމް.ސީ ރީބްރޭންޑްކޮށް ހިދުމަތް ފެށުމަށްފަހު ކައިރި މުސްތަގުބަލެއްގައި އެކްސްރޭ އާއި ލެބޯޓަރީ ހިދުމަތް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކްލިނިކުން މައުލޫމާތުދެއެވެ. އަދި ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނުލިބޭ ލެބް ހިދުމަތްތައް އެކްލިނިކުގެ ލެބުން ލިބޭގޮތް ހެދުމަކީ އެ ކުލިނިކުގެ އަމާޒެއް ކަމަށާއި ލެބޯޓަރީ ހިދުމަތް ފެށިގެންދާއިރު އެ ހޮސްޕިޓަލާއި އެއް ފެންވަރަކަށް ހިދުމަތް ލިބޭނެކަމަށް އެ ކްލިނިކުން މައުލޫމާތުދެއެވެ.