English Edition
Dhivehi Edition

އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ކޮމަންޑު އަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިންގެ އިފުތިތާހީ ޖަލްސާ އަށް ކުރައްވާ ދަތުރުފުޅެކެވެ.

ކެމްޕެއިން އިފުތިތާހު ކުރުމުގެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި ކޮމަންޑޫގެ އެމްޑީޕީ ހަރުގެ ކުރިމަތީގަ އެވެ. އެ ޖަލްސާގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެމްޑީޕީ އާއި އިދިކޮޅު ޕީއެންސީން ވާދަކޮށް 2019 ގައި އެމްޑީޕީން ކާމިޔާބުކުރި ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ކާމިޔާބު ކުރެއްވި ހުސެއިން ވަހީދު ކެންސަރު ބަލީގައި މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ 5 ގައި ބާއްވަން އިއުލާންކުރުމާ އެކު، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީން ވަނީ ކެންޑިޑޭޓުން ނެރެފަ އެވެ.