English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙަައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހަގީގީ މާނާގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. މިގޮތުން ދައުލަތުގެ ޚަރަދުތައް ރައްޔިތުންނަށް ހާމަކުރުމަށް ގެންގުޅުއްވާނެ މުހިންމު ބައެއް ސިޔާސަތުތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ. ދައުލަތުގެ އެކި މަޝްރޫޢުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް އާންމުކުރެވޭނެ އުސޫލެއް ތައާރަފްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް މިކަން ހިނގަން ފެށުމުން، އެކި ކަންކަމަށް ކުރާ ހޭދަ ރައްޔިތުންނަށް އޮޅުންފިލުމުގެ އިތުރަށް، ބިލްތައް ލިބެމުންދާ ތަރުތީބުން ފައިސާ ދައްކަމުން ދިޔުމަށް މަގުފަހިވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުން މުޅިން އަލަށް ރައީސް އަދި ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް އާންމުކުރަމުންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު އަހާ ފޯރަމްގައި ރައްޔިތުންނަށް ލައިވްކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ފަހިކޮށްދެއްވަމުންދާކަމަށާ، ރައްޔިތުން ބޭނުންވާ ކަންކަން އަހާ އޮޅުންފިލުވުމަށް ގިނަ ދޮރުތައް ހުޅުވާދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ ޝަކުވާތަކާ ޚިޔާލު ސީދާ ރައީސަށް ހުށަހެޅުމަށް ހުޅުވާލާފައިވާ ޕޯޓަލްއަށް ލިބޭ ހުށަހެޅުންތަކަށްވެސް ޖަވާބުދެމުން ގެންދަވާކަން ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.

މީގެ އިތުރުން، މީޑިއާތަކުން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށް ފަސޭހަ ކޮށްދެއްވާނެކަމަށާ، މީޑިއާތައް ފުރިހަމައަށް ހަރުދަނާ ގޮތެއްގައި ހިންގުމަށް މި ސަރުކާރުން މީޑިއާ ވިލެޖް ޤާއިމުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުގެ އަދާހަމަ ރައީސް ވަނީ ހިއްސާކުރައްވާފައެވެ. މި ވިލެޖް ގާއިމުކުރައްވާނެ ތަން ހަމަޖައްސަވައިފިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި މީޑިއާ ވިލެޖްގެ ޚިދުމަތް ލިބެން ފަށާނެކަމަށެވެ. އަދި ނޫސްމީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއްގެ އެހީއެއް ދެއްވުމަށް ވެވަޑައިގަތް ވަޢުދުގެ ދަށުން، އަންނަ އަހަރު ނޫސްމީޑިއާތަކަށް ފައިސާ ދެއްވަން ފަށްޓަވާނެކަންވެސް މި ޖަލްސާގައި ރައީސް ވަނީ އިއުލާންކުރައްވާފައެވެ.