English Edition
Dhivehi Edition
ސިނަމާލެ ބްރިޖު - ފޮޓޯ: ނިޝަން އަލީ (މިހާރު)

މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން، މާލޭގައި ބާއްވަމުން އަންނަ ނައިޓް މާކެޓުތައް މެދުކަނޑާލަން އެޗްޕީއޭ އިން ނިންމި ނިންމުން ބަދަލުކޮށް، އެ އިދާރާގެ ގައިޑްލައިންތަކާއި އެއްގޮތަށް އެފަދަ މާކެޓުތައް ބާއްވަން ހުއްދަދީފިއެވެ،

ނައިޓް މާކެޓްތައް ބޭއްވުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދޭން އެޗްޕީއޭއިން އަންގާފައިވަނީ ބުރާސްފަތި ވިލޭރޭގައެވެ. ނަމަވެސް ސިޓީ ކައުންސިލުން އެ ނިންމުން ބަދަލުކޮށް ކުރި އިއުލާނެއް ބުނީ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން، އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެ ފަރާތްތަކަށް ދޭން އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށިގެން ކުރިއަށް ދާއިރު، ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ވަނީ ވިއްކާފައެވެ އަދި މިނައިޓް މާކެޓް ކުރިއަށް ދާނީ ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެންކަމަށް ނައިޓް މާކެޓް އިންތިޒާމުކޮށް ކުރިއަށް ގެންދާ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެ، މަސްހުނިވެ އުޅެމުންދާ އިރު، ގިނަ މީހުން މާސްކުނާޅާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މާލޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން ގެ އަދަދު އިތުރުވެފައިވާއިރު އެޗްޕީއޭ އިން ވަނީ މާސްކު އެޅުމަށް މަޖުބޫރުކޮށް، އެ ކަން ތަންފީޒުކުރުމަށް ކަމާއި ބެހޭ އިދާރާތަކަށް އަންގާފައެވެ.