English Edition
Dhivehi Edition

އެސް.ޓީ.އޯ އާއި ޔޫތް މިނިސްޓްރީ ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމަށްޓަކައި މިއަދު ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލުމަށެވެ.

ޖުމްލަ 6 ދާއިރާއަކުން 26 ޖާގަ އަށް ހުޅުވާލުމަށް ހަމަޖެހިފައިވާ އިރު، މި ޕްރޮގްރާމްގެ މުއްދަތަކީ ހަ މަސްދުވަހެވެ. މި ހަމަސް ދުވަހުގެތެރޭގައި، މަސައްކަތުގެ މާހައުލުގައި ބައިވެރީން މަދުވެގެން 800 ގަޑިއިރު ތަމްރީނު ކުރެވިގެންދާނެއެވެ. އަދި މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއް ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ (“އެމް.އެން.އެސް.ޑީ.އޭ”) ގެ “ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް” ތަކާއި އެއްގޮތަށް ހިންގާ މި ޕްރޮގްރާމުގައި އެސް.ޓީ.އޯގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެޕްރެންޓިސްއިން ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވަންސެއް އެސް.ޓީ.އޯއިން ދިނުމަށް ވަނީ ނިންމާފައެވެ.

އެސް.ޓީ.އޯ އާއި ޔޫތު މިނިސްޓްރީ އާއި ދެމެދު ވެވޭ މި އެމް.އޯ.ޔޫ 4 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެންދާނެއެވެ. އަދި މި އެމް.އޯ.ޔޫގެ ދަށުން މީލާދީ ތިން އަހަރު ދުވަހުގެ މުއްދަތަށް މިޕްރޮގްރާމް ދެމިގެންދާނެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލް އަދި ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އޮފް ޔޫތް މުހައްމަދު ނާސިހެވެ. އެސްޓީއޯގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ކުންފުނީގެ ޕީޕަލްސް އޮޕަރޭޝަންސް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ.

ޓެގު