English Edition
Dhivehi Edition
ފޮޓޯ: ހިތަދޫ ކައުންސިލް

އައްޑޫ ސިޓީ ހިތަދޫ ގޭދޮށު މަސް ފެކްޓްރީ ހަދަން އެހެން ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

މި މަސައްކަތް ކުރިން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެލްނާތު މޯލްޑިވްސް ކުންފުންޏާއެވެ. އެ ކުންފުންޏާއެކު މިދިޔަ މެއި މަހު ހެދި އެ އެއްބަސްވުމުގައިވާ ގޮތުން، 280 ދުވަހުގެ ތެރޭގައި މަސް ފެކްޓްރީ އަޅައި ނިންމަން ޖެހެއެވެ. ނަމަވެސް، އެކުންފުނިން އެ މަޝްރޫއު ކުރިއަށް ނުގެންދާ ކަމަށް ބުނެ، އައްޑޫ ކައުންސިލުން ވަނީ އެލްނާތާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެކު އާ އެއްބަސްވުމެއް އެކުލަވާލާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ގޭދޮށު ފެކްޓްރީގެ މަސައްކަތްތައް ކުރުމަށް މިހާރު ހަވާލުކޮށްފައި ވަނީ، ސީ ބޮޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ ކުންފުނިން ފެކްޓްރީގެ މަސައްކަތްތައް ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

14 މިލިއަން ރުފިޔާގެ މި މަޝްރޫއަށް އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮމްޕަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގެ ދަށުން 5.8 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. ބާކީ ޚަރަދުކުރާނީ ސީ ބޮޓްސް އިންނެވެ.

ހިތަދޫގެ އިތުރުން، އައްޑޫގެ މަރަދުއާއި ފޭދޫގައި ވެސް ގޭދޮށު މަސް ފެކްޓްރީ ހަދަން ވަނީ ނިންމާފައެވެ. އައްޑޫގައި ގޭދޮށު މަސް ފެކްޓްރީތައް ހެދުމަށް އިންޑިއާ އާ އެކު އެއްބަސްވީ މިދިޔަ ފެބްރުއަރީގައެވެ.

ގޭދޮށު މަސް ފެކްޓްރީތައް ހެދުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

ޓެގު