English Edition
Dhivehi Edition
2016 ވަނަ އަހަރު ގދ.ގައްދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ތެރެއިން ފޮޓޯ ޕޮލިސް މީޑިއާ

ގދ. ގައްދޫ، ފަޅު ގޯތިތަކުގެ ވިނަނޮޅައި ސާފުނުކުރާކަމުގެ ޝަކުވާތައް އިތުރުވެފައިވާކަމަށާއި، ގޯތިތަކާއި ހަވާލުވެފައިވާ ފަރާތްތަކުން ގޯތިތައް ސާފުކޮށް ނުބަލަހައްޓާނަމަ ޤާނޫނުގައިވާ ފިޔަވަޅު އަޅަންޖެހިދާނެކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލް އިން ބުނެފިއެވެ.

ގައްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގައްދޫގެ ވެށި ސާފުކޮށް ބޭއްވުމަށްޓަކައި ކައުންސިލުން އިސްނަގައިގެން ގައްދޫގެ މަގުތަކާއި، ހުސްބިންތަކާއި ރަށުގެ ހޭޅިފަށާއި، ގޮނޑުދޮށް ސާފުކުރުމުގެ ހާއްސަ މަޝްރޫއެއް ފެށުމަށް ނިންމާފައިވާކަމަށެވެ.ގައްދުއަކީ ނިސްބަތުން ފަޅު ގޯތިތަށް ގިނަ ރަށެށްކަން ފާހަގަކޮށް ކައުންސިލުން ބުނީ ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ފަޅު ގޯތިތައް ސާފުކޮށް ނުބަލަހައްޓާތީ އެކަމުގެ ޝަކުވާ އާންމު ރައްޔިތުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުން އެ ކައުންސިލަށް ހުށަހަޅަމުންދާ ކަަމަށެވެ.

ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގައިވާ ގޮތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައި ހުންނަ ގޯއްޗާއި އެ ގޯއްޗާއި ގުޅިފައި ހުންނަ މަގުތައް ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމަކީ އެ ގޯއްޗެއްގެ ވެރިފަރާތް ނުވަތަ ގޯއްޗާއި ހަވާލުވެގެން ހުންނަ ފަރާތުން ކުރައްވަންޖެހޭ ކަމެއް ކަމަށް މި އިއުލާނުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް ބައެއް ގޯތިތަކުގެ ވެރިން މިކަމަށް ސަމާލުކަން ނުދޭކަން ފާހަގަކޮށް ކައުންސިލުން ބުނީ ގޯތިތަކާއި ހަވާލުވެފައުވާ ފަރާތްތަކުން ގޯތިތައް ސާފުކޮށް ނުބަލަހައްޓާނަމަ އެފަދަ ގޯތިތަކާއިމެދު ޤާނޫނުގައިވާ ފިޔަވަޅު އަޅަންޖެހިދާނެކަމަށެވެ. “މިކަމަކީ ކައުންސިލުން ކުރަން ބޭނުންވާކަމަކަށް ނުވިނަމަވެސް ގޯތިތަކާއި މަގުތައް ސާފުކޮށް ނުބަލަހައްޓާނަމަ އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަންޖެހޭނެކަން އެންމެހާ ފަރާތްތަކުންވެސް ޤަބޫލުކުރާނެކަން ޔަޤީންކުރަން” ގައްދޫ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

މި އިއުލާނުގައި ވަނީ މީގެ ކުރިންވެސް ވަރަށް ގިނަ ފަހަރަށް، މި ހަނދާންކޮށްދީފައި ވީނަމަވެސް ބައެއް ފަރާތްތަކުން އެކަންކަމަށް ސަމާލުކަން ދީފައިނުވާކަމަށް ބުނެފައެވެ. އަދިކުރިޔަތް އޮތްތާގައި އިތުރު އެންގުމެއްނެތި ގޯތިތަކާއި އެ ގޯއްޗާއި ގުޅިފައިވާ މަގުތައް ސާފުކޮށް ނުބަލަހައްޓާނަމަ ގޯތިތަކާއި ހަވާލުވެފައިވާ ފަރާތްތަކާއިމެދު ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފަދަ ގޯތިތަކާއި ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ގައްދޫ ކައުންސިލުން ވަނީ ގޯއްޗާއި ގޯތިތެރެއާއި. ގޯއްޗާއި ގުޅިފައިވާ މަގުމަތި ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.