English Edition
Dhivehi Edition

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ ސިއްހީ ދާއިރާއަށް ގިނަގުނަ ހިދުމަތް ކުރައްވަމުން ގެންދަވާ، ޓޯޓޮއިސް ގދ. ތިނަދޫ، މުހައްމަދު ހުސެއިން އަށް ލިބިވަޑައިގެންފިއެވެ.

ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޖަލްސާގައި ދަޢުލަތަށް ދިގު މުއްދަތަށް ހިދުމަތްކޮށްދެއްވި ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކޮށް ހިތްވަރު ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 106 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކޮށްދީފައެވެ.

މުހައްމަދު ހުސެއިން ދިވެހި ދައުލަތަށް ހިދުމަތްކުރައްވަން ފެއްޓެވީ 1984 ވަނަ އަހަރު މެއި 12 ވަނަ ދުވަހު ދިވެހިރާއްޖޭގެ ތައުލީމް ކުރިއަރުވާ މަރުކަޒުގެ ދެ ނަންބަރު ކަތީބުގެ މަޤާމުގައެވެ. މުހައްމަދު ހުސައިން ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައެވެ. އެގޮތުން 1989 ވަނަ އަހަރު ސިއްހީ ދާއިރާއާއި ގުޅިވަޑައިގަތް ފަހުން މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ އެ ދާއިރާގައެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވާފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.

މި އިނާމަކީ، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާ އަދާކުރެއްވި ކަމުގައިވީ ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް އެރުވޭ އިނާމެކެވެ.