English Edition
Dhivehi Edition

ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެންނަވައި، ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 15 ވާ އާދީއްތަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފި އެވެ.

ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ގެންނަވާ މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކުރައްވައި، 60 އަހަރުވި ކަމުގައިވިޔަސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުޞޫލު ބަދަލުކުރެއްވުމެވެ.

އަނެއް ބަދަލަކީ، މިހާރު އުޞޫލު އޮންނަ ގޮތުން ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާތީ، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށްވެސް، ޚިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ގެންނަވާ ބަދަލެވެ.

މީގެއިތުރުން، މިހާރު އިނާމު ދެއްވަމުން ގެންދަވާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރައްވާ ގޮތަށްވެސް ވަނީ ނިންމަވާފައެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާ އެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާޢަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައިވުމާއި، ޚިދުމަތްކުރި މުއްދަތުގެ ޖުމްލަ 35 އަހަރު ވެފައި ވުމުންނެވެ. އަދި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމުގައި، އެ ފަރާތަކުން ނުވަތަ ޖަމުޢިއްޔާ ޖަމާޢަތަކުން ދިވެހި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި، އަދި ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީއިން ބައްލަވާގޮތަށް ވަނީ ނިންމަވާފައެވެ.

ހިތްވަރު ދިނުމުގެ އިނާމު ދެއްވާނީ، އެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި، ކުންފުނި ޖަމުޢިއްޔާ ޖަމާޢަތެއް ނަމަ މަދުވެގެން 10 އަހަރު ޚިދުމަތް ކުރުމުންނެވެ.

މި އަހަރު ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.