English Edition
Dhivehi Edition

މަސައްކަތުން ފުރިފައިވާ އަވަދިނެތި އުޅޭ މި ދިރިއުޅުގައި އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްކޮށްލައިގެން ވަދެލަން އެއީ ރަނގަޅު ތަނެކެވެ. ސިކުނޑި ތާޒާކޮށްލައި ހަށިގަނޑުގައިވާ ލޮޑުކަމާއި ބަރުހެލިކަން ފިލުވައި ލުމަށް އެއީހަމަ ރަނގަޅު މާޙައުލެކެވެ. ކުޅިވަރު ކުޅުމުގައި ލިބޭ ކުދި އަނިޔާތަކަށް އެތަނުން ދޭ ފަރުވާ އެހާމެ ފުރިހަމައެވެ. ހުޅުހުޅުގެ މައްސަލަތަކުގެ ޝަކުވާ ކުރަމުންދާ މާމަމެންނާއި ކާފަމެންގެ ޝަކުވާތައް އެތަނަށް ވަދެލުމުން ވެސް ނިމޭހައި ވެއެވެ.

ފަތްޕިލާވެލީގެ ހަކީމީ ބޭސްވެރިކަމުގެ އެހީގައި، ފަރުވާލިބިގަންނަމުންދިޔަ އެތައް ބަޔަކަށް އުފާވެރިކަމާ ހިތްހަމަޖެހުން އެތަނުން ލިބިގެން ދެއެވެ. މިއީ އަމިއްލައަށް ކުރެވުނު ތަޖުރިބާގެ އަލީގައި ކުރެވުނު ހައްގު ތައުރީފް ތަކެކެވެ. މިދައްކަނީ ދިވެހިބޭސް ކުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ސެންޓަރ ފޯރ ޓްރޭޑިޝަނަލް މެޑިސިން (ސީ.ޓީ.އެމް) ގެ ވާހަކައެވެ.

މިހާރު މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ،ސީ.ޓީ.އެމް ގެ ވެރިޔާ، ފުވައްމުލައް ސިޓީއަށް އުފަން މުޙައްމަދު އަޙްމަދު ، ދިވެހި ބޭސްވެރިކަމަށް ޝައުގު އުފެދި އެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައިވަނީ 1989 ވަނަ އަހަރުން ފެށިގެންނެވެ. އޭރުގެ އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސް އިން ހިންގި ދިވެހިބޭހުގެ ކޯސް ފުރިހަމަ ކޮށް ދިވެހި ބޭސްކުރުމުގެ ހުއްދަ ރަސްމީކޮށް ލިބުމާއެކު 2000 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ދަނީ އެ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން ޚިތާނު ކުރުމަކީ ވެސް 1998 ވަނަ އަހަރުން ފެށިގެން މުޙައްމަދު ކުރައްވަމުން އަންނަ މަސައްކަތެކެވެ.

ރާއްޖޭގައި ދިވެހި ބޭސް އާލާކޮށް ކުރިއެރުވުމަށް ހުރި ޝައުގާއެކު މުޙައްމަދު ވަނީ ދާއިރާ އިތުރަށް ތަރައްގީކުރުމުގެ މަގްޞަދުގައި “ސެންޓަރ ފޯރ ޓްރޭޑިޝަނަލް މެޑިސިން ” ރަސްމީ ސިފައެއްގައި ރަޖިސްޓްރީކޮށް 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެ ތަނުގެ ޚިދުމަތް ދެއްވަން ފައްޓަވާފައެވެ. އަދި މި ދާއިރާ ތަރައްގީކުރެއްވުމަށް، އެކިބަލިތަކަށް ދިވެހިބޭސް އީޖާދުކުރައްވާ، ބޭސް އުފައްދަވައި އެ ބޭސް ތައް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓްރީކޮށް ބޭނުންކުރައްވަމުން އަންނަ އިރު އެ ސެންޓަރުން މިހާތަނަށް ވަނީ ގިނަޢަދަދެއްގެ ބަޔަކު ވަނީ ފަރުވާ ހޯދާފައެވެ.އަދި މިހާރުވެސް އަންނަނީ ފަރުވާލިބިގަންނަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންގެ ތެރެއިން ފުދުންތެރިކަން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް މާލެ އާދެވޭނެ ގޮތް ނެތް މީހުންނާއި ޖިސްމާނީނުކުޅެދުންތެރިކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތްތަކަށް ގާތުން ޚިދުމަތް ދިނުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މެޑިކަލް ކޭމްޕް ތައް ބާއްވައި އެފަދަ ފަރާތްތަކަށް ފަސޭހަ ކަމާއެކު ފަރުވާ ދެވޭނެ ގޮތް ހޯދައިދެމުންނެވެ.

“އަޅުގަނޑު މިހާތަނަށް ފަރުވާދެމުން އައިސްފައިވާ ބަލިތަކުގެ ތެރޭގައި ރާއްޖެބަލި، ތުރުތުރުއެޅުމާއި ވާގިނެތުން، ގޭސްޓްރައިޓިސް، ޖެހިތަދުވެ ހާނިކަވުމާއި ކަށިގަނޑުގައި ރެނދުލުން، މައިދާއާއި ގޮހޮރުގެ ބަލިތައް، އަރިދަފުސް ރޯގާ އާއި ކެއްސުން، ނޭވާހިއްލުމާއި ނޭވާލާން ދަތިވުން، ބޮލުގައި ރިއްސުމާއި ކުޑަކަމުދާނިޒާމުގެ ބަލިތަކުގެ އިތުރުން ހަމުގެ ތަފާތު ބަލިތަކާއި ތަފާތު ބަލިތައް ހިމެނޭ. މީގެ ތެރޭގައި ފާހަގަ ކޮށްލެވޭފަދަ ބޮޑެތި މައްސަލަތައް ހުރި ބަލިމީހުން އެބަލިން ފަސޭހަ ވެގެން ގޮސްފައިވާކަމީ ލިބިފައިވާ ބޮޑު ކާމިޔާބީއެއް ކަމުގައި ގަބޫލު ކުރަން” މުޙައްމަދު ކިޔައިދެއްވިއެވެ.

އަދި މީގެ އިތުރުން މަސާޖު ތެރަޕީއަކީވެސް މި ކްލިނިކުން ދެމުން އަންނަ ޚާއްސަ ޚިދުމަތެކެވެ.ސީ.ޓީ.އެމް އިން ދެވޭ މަސާޖުގެ ޚިދުމަތުގެ ތެރޭގައި ރިލެކްސް މަސާޖު،ސްޕޯޓްސް މަސާޖު،އެކިއެކި އަނިޔާލިބިގެން ދެވޭ މަސާޖު ހިމެނެއެވެ.

ދިވެހި ބޭހުގެ ނަމުގައި ފަރުވާދެވޭ،ފަތްޕިލާވެލީގެ ބޭސްވެރިކަމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް މަޤުބޫލު އަދި ކަމުދާ ބޭސްވެރިކަމަށް ވަނީވެފައެވެ. އެންމެ އެވޭލާ ޒަމާނުއްސުރެން ފެށިގެންވެސް އަޅުގަނޑުމެންގެ ކާބަފައިން ހިތްހަމަޖެހުމާއެކު ޚިދުމަތް ހޯދީ ދިވެހި ބޭސްވެރިންގެ އަތުންނެވެ. މުޙައްމަދު ކިޔައިދެއްވި ގޮތުގައި ދިވެހި ބޭސްވެރިކަމުގެ މަސައްކަތަކީ ޝައުޤުވެރި މަސައްކަތެކެވެ.އެކަމަކު އެކަނި ހައްލުކުރަން އުދަނގޫ ގޮންޖެހުންތައްވެސް ކުރިމަތިވާ މަސައްކަތެއްވެސް މެއެވެ.

ރާއްޖޭގައި ދިވެހި ބޭސް ކުރުމަށް ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މުޙައްމަދު ވިދާޅުވީ މިމަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާސަންދަ ނުލިބުންކަމުގައެވެ.

” ރާއްޖޭގައި ހިންގާ ގިނަ ކުލިނިކްތަކަށް އާސަންދަ ލިބެމުންދާއިރު ދިވެހި ބޭސްވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް އާސަންދަ ނުލިބި އޮތުމަކީ މިކަމުގައި ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް.މިކަމާބެހޭގޮތުން .ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވިފައި ވީނަމަވެސް މިހާތަނަށް ހައްލު ލިބިފައިނުވާ ކަމެއް.މިއީ ކުލިނިކުން ފަރުވާ ހޯދަމުންއަންނަ އެތައް ބައެއްގެ ޝަކުވާ.ފަރުވާ ހޯދުމަށް އަންނަ މީހުން އެބަ ބޭނުންވޭ އާސަންދަ ލިބެން” މުޙައްމަދު އަޙުމަދު ވިދާޅުވިއެވެ.

އަދި މިއާއެކު މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި ކްލިނިކުގައި ތައްޔާރުކުރާ ބޭސްތަކަކީ ބޭރުން ފަތްޕިލާވެލި ގެނެސްގެން ތައްޔާރުކުރާ ބޭސްތަކެއް ކަމަށްވާއިރު މިކަމަށް ބޭނުންވާ ފަތްޕިލާވެލި ނުލިބުމަކީވެސް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމުގައެވެ.

“އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތުން،އުވިގެންދާ ދިވެހި ބޭސްވެރިކަމާއި ނެތިގެންދާ ފަތްޕިލާވެލީގެ ބާވަތްތައް އާލާކޮށް ދަމަހައްޓަން މަސައްކަތްކުރުމަކީ ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހިފައިވާ ވަރަށް މުހިއްމު މަސައްކަތެއް”މުޙައްމަދު ވިދާޅުވިއެވެ.

މުޙައްމަދުގެ ހިންގާ ސެންޓަރ ފޯރ ޓްރޭޑިޝަނަލް މެޑިސިން ގައި ތަފާތު އެކިބަލިތަކަށް ފަރުވާދެމުން އަންނަ އިރު ބަލިތަކާއި ގުޅޭ ބޭސް އެތަނުގެ އަމިއްލަ ލެބޯޓްރީން ތައްޔާރުކޮށް ގަންނަން ލިބެން ހުރެއެވެ. ބޭސް ތައްޔާރުކުރާނެ ލެބޯޓްރީ އަކާއި، ބަލިމީހުންނަށް ފަރުވާދޭ ކޮޓަރިތަކާއި ފަރުވާދިނުމުގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް އޮފީހަކާއި މިފަދަ ހުރިހާތަނެއް ހިމެނޭ ގޮތަށް ސެންޓަރވަނީ ހަދާފައެވެ.

ދިވެހި ބޭސްވެރިކަން ކުރިއެރުވުމާއި ދާއިރާއަށް މީހުން އަހުލުވެރިކުރުމުގެ މަގުސަދުގައި ސެންޓަރ ފޯރ ޓްރޭޑިޝަނަލް މެޑިސިންގައި އިންޓާންޝިޕް ފުރުސަތު ހުޅުވައި ސީދާ މުޙައްމަދުގެ ބެލުމުގެ ދަށުން އެކުދިން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެވޭލާ ދިވެހި ބޭސްވެރިކަން ކުރިއަރާފައިވަނީ ޢަރަބި-ޔޫނާނީ ބޭސްވެރިކަމާއި އިރުމަތީގެ ބޭސްވެރިކަމުގެ އަލީގައި އެވެ.ނަމަވެސް ދުނިޔޭގެ ޙަކީމީ ބޭސްވެރިކަންވެސް މިއަދު ވަނީ މުޅިން އެހެން މަރުޙަލާއަކަށް ދަތުރުކޮށްފައި އެވެ.އެހެންކަމުން، ދިވެހި ބޭސްވެރިކަމަށްވެސް، މިހާރު ދިރުން ހޯދަންޖެހޭނީ، ޒަމާނީ ވަސީލަތްތަކާއި ސައެންސާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުންނެވެ.ސީ. ޓީ. އެމް ވެސް ތަރައްޤީވެ ފުޅާވަމުން އަންނަނީ މިދެންނެވި ބަދަލުތަކާއެކުގައެވެ.

ދިވެހިން ފަޚުރުވެރިވާ ދިވެހިންގެ އުފެއްދުންތެރި ،ދިވެހި ކްލިނިކު، ސީ ޓީ އެމް ވަނުމުން އެތަނުން ފެނިގެންދަނީ މުޙައްމަދު އަޙުމަދުގެ އުފެއްދުންތަކެވެ. އަދި އޭނާގެ ގާތްކަމާއި ހިތްހެޔޮކަމެވެ. ރިސެޕްޝަނުން ފެންނަން ހުންނަނީ ތަފާތު ފުޅިފުޅީގައި ބަންދުކޮށްފައިވާ އެކިކަހަލަ ނަންނަމުގެ ގުޅަތަކާއި ދިޔާ ބޭހާއި ތެޔޮފުޅިފުޅި ތަކެވެ. އެތަނުން ހޯދާ ފަރުވާ އަށް ފަހު ފަސޭހަ ކަމާއެކު ބޭނުންވާ ބޭސް ތަނުން ލިބެން ހުރެއެވެ. ސެންޓަރ ފޯރ ޓްރޭޑިޝަނަލް މެޑިސިންގައި އަޅުގަނޑަށް ކުރެވުނު ތަޖުރިބާއިން ތަނުގެ ޚިދުމަތަށް ސަތޭކަ ޕަސެންޓް ދޭހައިވެއެވެ. މުޙައްމަދުގެ ޚިދުމަތަށް އިތުރުކުރިއެރުން އެދެމެވެ.