English Edition
Dhivehi Edition
ސީޓީއެމްގެ މެޑިކަލް ޓީމު ޅ. ހިންނަވަރުގައި

ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން (ސީޓީއެމް) އިން ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް ޅ. އަތޮޅުގައި މިއަދު ފަށައިފިއެވެ.

ސެޕްޓެމްބަރު 4 ކުން ފެށިގެން ކުރިއަށް ގެންދާ މި ކޭމްޕުގައި އިސްކޮށް ހަރަކާތްތެރިވާނީ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ސީނިއަރ ޓްރެޑިޝަނަލް އެންޑް ކޮމްޕްލިމެޓްރީ މެޑިސިން ޕްރެކްޓިޝަނަރ މުހައްމަދު އަހްމަދެވެ.

މީގެ ކުރިން މި ކޭމްޕް އެ ރަށުގައި ބާއްވަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ފަސްކޮއްލަން ޖެހުނީ ކަމަށް ސީޓީއެމުން ބުނެއެވެ.

މި ކޭމްޕްގައި ފަރުވާދެވޭ ބަލިތަކުގެ ތެރޭގައި ރާއްދެބަލީގެ ތަފާތު އުނދަގޫތަކާއި، ނާރުގެ ބަލިތައް، ރުއްގަލުބޭސް ނުވަތަ ކަށީގެ ބޭސް، ގޭސްޓްރިކް މައްސަލަތައް، ހަމުގެ ބަލިތައް، އަންހެނުންގެ ޚާއްޞަ ބަލިތައް، ކުޑަކަމުދިއުމާއި ބެހޭ ނިޒާމުގެ ބަލިތަކަށް އަދި ފުރަގަސްފަރާތު ބަލިތަކާއި ސައިނަސްގެ އުނދަގޫތައް ފަދަ ބަލިތައް ހިމެނެއެވެ.

މި ކޭމްޕްގައި ބައިވެރިވާ ފަރާތްތަކަށް ސީޓީއެމް އިން ލިބެން ހުންނަ ބޭސްފަރުވާގެ ޚިދުމަތް ތަކުން %50 އާއި %10 އާއި ދެމެދުގެ ޑިސްކައުންޓެއް ލިބއެވެ. ކޭމްޕްގައި ބައިވެރިވެ ދިވެހި ބޭހުން ފަރުވާ ހޯދުމަށް އެޕޮއިންޓްމެންޓް ހެދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 3321170 ނުވަތަ 9751170 އެވެ.

މިއީ މިފަދަ ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ލުއިކޮށް ރަށުގައި ތިބެގެން ދިވެހި ބޭހުގެ އެހީގައި ފަރުވާ ހޯދަން ރަނުގެ ފުރުސަތެކެވެ.

ސީޓީއެމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 16 ކޭމްޕް ވަނީ ބާއްވާފައެވެ. އެގޮތުން މި އަހަރުވެސް އަތޮޅު ތެރޭގައި ކާމިޔާބު ކަމާއެކު ކޭމްޕްތައް ދަނީ ބާއްވަމުނެވެ. ސީޓީއެމުން ތަފާތު އެކިބަލިތަކަށް ފަރުވާދެމުން އަންނަ އިރު ބަލިތަކާއި ގުޅޭ ބޭސް އެތަނުގެ އަމިއްލަ ލެބޯޓްރީން ތައްޔާރުކޮށް ގަންނަން ލިބެން ހުރެއެވެ. ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަ މާލޭގައި މަގުބޫލު ސިޓީއެމުގައި ބޭސް ތައްޔާރުކުރާނެ ލެބޯޓްރީ އަކާއި، ބަލިމީހުންނަށް ފަރުވާދޭ ކޮޓަރިތަކާއި ފަރުވާދިނުމުގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް އޮފީހަކާއި މިފަދަ ހުރިހާތަނެއް ހިމެނެއެވެ.

ދިވެހި ބޭހުގެ ނަމުގައި ފަރުވާދެވޭ، ފަތްޕިލާވެލީގެ ބޭސްވެރިކަމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް މަޤުބޫލު އަދި ކަމުދާ ބޭސްވެރިކަމަށް ވަނީ ވެފައެވެ.