ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން (ސީޓީއެމް) އިން ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މާރޗް މަހުގެ 1 އިން 19 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕުގައި އިސްކޮށް ހަރަކާތްތެރިވާނީ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ސީނިއަރ ޓްރެޑިޝަނަލް އެންޑް ކޮމްޕްލިމެޓްރީ މެޑިސިން ޕްރެކްޓިޝަނަރ މުހައްމަދު އަހްމަދެވެ.
މިއީ ޓްރެޑިޝަންލް މެޑިސިންގެ ފަރާތުން ދޭ ދިވެހިބޭހުގެ ފަރުވާ ރަށްރަށުގައި ތިބި ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ ކޭމްޕެއް ކަމަށް ސީޓިއެމުން ބުނެއެވެ. މީގެ އިތުރުން މިކޭމްޕްތަކުގެ ބޭނުމަކީ ތަފާތު ސަބަބުތަކާއި ހުރެ މާލެއިން ފަރުވާހޯދުމަށް އުދަގޫ ފަރާތްތަކަށް އެރަށެއްގައި ތިބެގެން ތަފާތު ބަލި ތަކަށް ދިވެހި ބޭހުގެ ފަރުވާ ލުއިފަސޭހަ ގޮތެއްގައި ލިބިދިނުން ކަމަށަސް ސީޓީއެމުން ބުނެއެވެ.
މި ކޭމްޕްގައި ފަރުވާދެވޭ ބަލިތަކުގެ ތެރޭގައި ރާއްދެބަލީގެ ތަފާތު އުނދަގޫތަކާއި، ނާރުގެ ބަލިތައް، ރުއްގަލުބޭސް ނުވަތަ ކަށީގެ ބޭސް، ގޭސްޓްރިކް މައްސަލަތައް، ހަމުގެ ބަލިތައް، އަންހެނުންގެ ޚާއްޞަ ބަލިތައް، ކުޑަކަމުދިއުމާއި ބެހޭ ނިޒާމުގެ ބަލިތަކަށް އަދި ފުރަގަސްފަރާތު ބަލިތަކާއި ސައިނަސްގެ އުނދަގޫތައް ފަދަ ބަލިތައް ހިމެނެއެވެ.
ސިޓީގައި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް ތިރީގައި އެވަނީއެވެ.
• 1 މާރޗް 2023 ން 7 މާރޗް 2023 ގެނިޔަލަށް އައްޑޫ ސިޓީ މީދޫ، އެވަރެސްޓް ގައި
• 8 މާރޗް 2023 ން 14 މާރޗް 2023 ގެނިޔަލަށް އައްޑޫ ސިޓީ ހިތަދޫ، ރަންފިޔަ ގައި
• 15 މާރޗް 2023 ން 19 މާރޗް 2023 ގެނިޔަލަށް އައްޑޫ ސިޓީ މަރަދޫ، ޝެލޯ ގައި
އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕަކީ މިގޮތުން މިސެންޓަރުން ބާއްވާ 20 ވަނަ މެޑިކަލް ކޭމްޕެވެ.
މި ކޭމްޕްގައި ދެވޭ ޚިދުމަތް ތަކުގެ ތެރޭގައި ގޭގެއަށް ގޮސް ފަރުވާ ދިނުމާއި މަސާޖްތެރަޕީ ދިނުމާއި، ޑޮކްޓަރަށް ދެއްކުމާއި ބޭސް ދޫކުރުމާއި، ކަފަގަނޑު ހިއްޕުމާއި އެހެނިހެން ފަރުވާވެސް ހިމެނެއެވެ.
މި ކޭމްޕްގައި ބައިވެރިވާ ފަރާތްތަކަށް ސީޓީއެމް އިން ލިބެން ހުންނަ ބޭސްފަރުވާގެ ޚިދުމަތް ތަކުން %50 އާއި %10 އާއި ދެމެދުގެ ޑިސްކައުންޓެއް ލިބެއެވެ. ކޭމްޕްގައި ބައިވެރިވެ ދިވެހި ބޭހުން ފަރުވާ ހޯދުމަށް އެޕޮއިންޓްމެންޓް ހެދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 3321170 ނުވަތަ 9751170 އެވެ.
މިއީ މިފަދަ ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ލުއިކޮށް ރަށުގައި ތިބެގެން ދިވެހި ބޭހުގެ އެހީގައި ފަރުވާ ހޯދަން ރަނުގެ ފުރުސަތެކެވެ.
ސީޓިއެމުން ވަނީ މި ދިޔައަހަރުވެސް ވަނީ އަތޮޅު ތެރޭގައި ކާމިޔާބު ކަމާއެކު ކޭމްޕްތައް ބާއްވާފައެވެ. ސީޓީއެމުން ތަފާތު އެކިބަލިތަކަށް ފަރުވާދެމުން އަންނަ އިރު ބަލިތަކާއި ގުޅޭ ބޭސް އެތަނުގެ އަމިއްލަ ލެބޯޓްރީން ތައްޔާރުކޮށް ގަންނަން ލިބެން ހުރެއެވެ. ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަ މާލޭގައި މަގުބޫލު ސިޓީއެމުގައި ބޭސް ތައްޔާރުކުރާނެ ލެބޯޓްރީ އަކާއި، ބަލިމީހުންނަށް ފަރުވާދޭ ކޮޓަރިތަކާއި ފަރުވާދިނުމުގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް އޮފީހަކާއި މިފަދަ ހުރިހާތަނެއް ހިމެނެއެވެ.