English Edition
Dhivehi Edition
ދިވެހިބޭހުގެ ކޭމްޕްގައި ސީޓީއެމުން އައްޑޫގައި ހަރަކާތްތެރިވަނީ: ފޮޓޯ އަލީ ނާސިރު/ އޭއޯ ނިއުސް.

ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން (ސީޓީއެމް) އިން އައްޑޫސިޓީގައި ފަށައިގެން މިހާރު ކުރިއަށް ދާ ދިވެހި ބޭހުގެ މެޑިކަލް ކޭމްޕް މިއަދުން ފެށިގެން ކުރިއަށް ގެންދާނީ މަރަދޫގައި ކަމަށް އެފަރާތުން ބުނެފިއެވެ.

މާރޗް މަހުގެ 1 އިން ފެށިގެން މާރޗް 19 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ހުޅުދޫ އަދި މީދޫގައި ފަރުވާ ދިނުމަށް ފަހު މި ހަފްތާގެ ކުރީކޮޅު ފަރުވާދީފައިވަނީ ހިތަދޫގައެވެ.

“ގިނަ ބަޔަކު އަދިވެސް ހިތަދޫން ވެސް ދައްކަން ބޭނުންވެފައިތިބީ. އެކަމަކު މިއަދު މަރަދޫގައި މި ފެށީ ކަނޑައެޅިފައިވާ ތާރީޚަށް ދެން ހުރި އަވައްތަކުުން ނަން ނޯޓުކޮށްފައިވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާހޯދޭނެ ގޮތް ހެދުމަށް. މަރަދޫގައި ފަރުވާދޭން ފެށިއަސް އެހެން އަވަށްތަކުން އަދިވެސް ހަމަ ފަރުވާ ހޯދަން އާދެވޭނެ” މެޑިކަލް ކޭމްޕްގައި އިސްކޮށް ހަރަކާތްތެރިވާ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ސީނިއަރ ޓްރެޑިޝަނަލް އެންޑް ކޮމްޕްލިމެޓްރީ މެޑިސިން ޕްރެކްޓިޝަނަރ މުހައްމަދު އަހްމަދު ވިދާޅުވިއެވެ.

މަރަދޫގައި ސީޓިއެމުގެ ޚިދުމަތް ކުރިއަށް ދާނީ މަރަދޫ ޝެލޯގައެވެ.

މިއީ ޓްރެޑިޝަންލް މެޑިސިންގެ ފަރާތުން ދޭ ދިވެހިބޭހުގެ ފަރުވާ ރަށްރަށުގައި ތިބި ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ ކޭމްޕެއް ކަމަށް ސީޓިއެމުން ބުނެއެވެ. މީގެ އިތުރުން މިކޭމްޕްތަކުގެ ބޭނުމަކީ ތަފާތު ސަބަބުތަކާއި ހުރެ މާލެއިން ފަރުވާހޯދުމަށް އުދަގޫ ފަރާތްތަކަށް އެރަށެއްގައި ތިބެގެން ތަފާތު ބަލި ތަކަށް ދިވެހި ބޭހުގެ ފަރުވާ ލުއިފަސޭހަ ގޮތެއްގައި ލިބިދިނުން ކަމަށަސް ސީޓީއެމުން ބުނެއެވެ.

މި ކޭމްޕްގައި ފަރުވާދެވޭ ބަލިތަކުގެ ތެރޭގައި ރާއްދެބަލީގެ ތަފާތު އުނދަގޫތަކާއި، ނާރުގެ ބަލިތައް، ރުއްގަލުބޭސް ނުވަތަ ކަށީގެ ބޭސް، ގޭސްޓްރިކް މައްސަލަތައް، ހަމުގެ ބަލިތައް، އަންހެނުންގެ ޚާއްޞަ ބަލިތައް، ކުޑަކަމުދިއުމާއި ބެހޭ ނިޒާމުގެ ބަލިތަކަށް އަދި ފުރަގަސްފަރާތު ބަލިތަކާއި ސައިނަސްގެ އުނދަގޫތައް ފަދަ ބަލިތައް ހިމެނެއެވެ.

އައްޑޫ ސިޓީގައި ކުރިއަށް މިގެންދާ މެޑިކަލް ކޭމްޕަކީ މިގޮތުން މިސެންޓަރުން ބާއްވާ 20 ވަނަ މެޑިކަލް ކޭމްޕެވެ.

މި ކޭމްޕްގައި ދެވޭ ޚިދުމަތް ތަކުގެ ތެރޭގައި ގޭގެއަށް ގޮސް ފަރުވާ ދިނުމާއި މަސާޖްތެރަޕީ ދިނުމާއި، ޑޮކްޓަރަށް ދެއްކުމާއި ބޭސް ދޫކުރުމާއި، ކަފަގަނޑު ހިއްޕުމާއި އެހެނިހެން ފަރުވާވެސް ހިމެނެއެވެ.

“އަލަށް މިތަނުގެ ޚިދުމަތް މި ހޯދީ. ކަކުލުގައި ރިއްސާތީ ފަރުވާ ހޯދަމުން އަންނަތާ ލައްކަ ދުވަސްވެެއްޖެ. މިތަނުން 2 ފަހަރަކު މަސާޖްކޮށްދިނުމުން ވެސް އެތައް ތަނެއް ލުއިވެއްޖެ. ކުރީގައި ހިނގަންވެސް ބިރުގަނޭ. މިހާރު ފަސޭހަ ކަމާއެކު ހެލިފެލިވެ އެބަ އުޅެވޭ. މިތަނުގެ ފަރުވާއާއި މެދު ވަރަށްބޮޑަށް ހިތްހަމަޖެހޭ.” ހިތަދޫއިން ފަރުވާހޯދި އުމުރުން ދުވަސްވީ މީހަކު ކިޔައިދިނެވެ.

މިއީ ސީޓިއެމްއިން ފަރުވާ ހޯދަމުން އަންނަ އެތައް ބަޔެއްގެ ދުލުން އޮހެމުން އަންނަ ތައުރީފް ތަކެވެ. އާސަންދަ ނެތި ޖީބުން ޚަރަދުކުރަން ޖެހުނު ކަމުގައި ވިޔަސް ބައްޔަށް ލުއި ލިބި ފަސޭހަވެގެން ދާކަމީ ޔަގީންކަމާއި ހިތްހަމަޖެހުމާއެކު ސީޓީއެމުން މީހުން ފަރުވާހޯދަމުންދާ އެއް ސަބަބެވެ.

ތަފާތު އެތަކެއް ކޭމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުން ސީޓީއެމުން ދާއިރު މިކޭމްޕްގައި ބައިވެރިވާ ފަރާތްތަކަށް ސީޓީއެމް އިން ލިބެން ހުންނަ ބޭސްފަރުވާގެ ޚިދުމަތް ތަކުން %50 އާއި %10 އާއި ދެމެދުގެ ޑިސްކައުންޓެއް ލިބެއެވެ. މިއީ މިފަދަ ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ލުއިކޮށް ރަށުގައި ތިބެގެން ދިވެހި ބޭހުގެ އެހީގައި ފަރުވާ ހޯދަން ރަނުގެ ފުރުސަތެކެވެ.

ކޭމްޕްގައި ބައިވެރިވެ ދިވެހި ބޭހުން ފަރުވާ ހޯދުމަށް އެޕޮއިންޓްމެންޓް ހެދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 3321170 ނުވަތަ 9751170 އެވެ.

މިއީ މިފަދަ ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ލުއިކޮށް ރަށުގައި ތިބެގެން ދިވެހި ބޭހުގެ އެހީގައި ފަރުވާ ހޯދަން ރަނުގެ ފުރުސަތެކެވެ.