ޅ. މަޑިވަރު އެއަރޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.
ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ. މި ފްލައިޓު ޖައްސާފައިވަނީ މިއަދު ހެނދުނު 09:50 ހާއިރު އެވެ.
އަމިއްލަ ފަރާތަކުން ތަރައްގީކޮށްފައިވާ މި އެއަރޕޯޓަށް ޤައުމީ އެއަރލައިންގެ ފްލައިޓު ޖެއްސުމުން ފުރަތަމަ ފްލައިޓްގައި މަޑިވަރަށް ދިޔަ ފަރާތްތަކަށް ވަނީ އެ އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެފަރާތްތަކަށް މަރުހަބާ ކިޔުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކުރެއްދޫ ހޯލްޑިންގސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗަމްޕާ ބްރަދަރސްގެ ޗެއަރމަން މުޙައްމަދު މޫސާ (އުއްޗު) އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގސް އިން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.
29 މެއި 2018 ގައި އެއަރޕޯޓުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވާ އިރު، އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީން ނެވެ. ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން ބީ.ޔޫ.ސީ.ޖީ އާއި މި މަސައްކަތް ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 17 ސެޕްޓެމްބަރު 2018 ގަ އެވެ.
މި މަޝްރޫޢުގެ ދަށުން މަޑިވަރުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި ފަޔަރ ބިލްޑިންގއަކާއި ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފަ އެވެ.
އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރެއްދޫ ހޯލްޑިންގްސްއިން މިހާރުދަނީ ވަމުންނެވެ.
އެގޮތުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ އިންސްޓޯލްކޮށް ނިމިފަ އެވެ. އަދި އެއަރޕޯޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ޅ. އަތޮޅުގައި މީހުން ދިރިއުޅޭ 4 ރަށް އޮންނައިރު، 13،000 އަށްވުރެ ބޮޑު އާބާދީއެއް އެ އަތޮޅުގައި އޮވެއެވެ.