English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި ދެމީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ބަޑަށް ވަޅިޖަހައި ޒަޚަމްކޮށްލައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ ޒަޚާމްވެފައިވާ މީހާ ހޮސްޕިޓަލަށް ގެނައީ މިރޭ 10:30 ގައި ކަމަށެވެ. ގެނައިއިރު އޭނާގެ ހާލު އާދައިގެ ގޮތަކަށް ފެނުނަސް ހާލަތު ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެތަނުން ވިދާޅުވިއެވެ.

ވަޅި ޖަހައިފައިވަނީ އެމީހާގެ ބަނޑުގެ ވައަތްފަރާތަށް ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ. “މިވަގު ހާލަތު ރަނގަޅު ކަމަށް ފެނުނަސް އިންޓަރނަލް ބްލީޑިންއެއް ހުރެއްޖެ ކަމަށްވާނަމަ ހާލަތު ސީރިއަސްވެދާނެ. އެހެންވެ އިތުރަށް ބަލަމުން ގެންދަނީ މިހާރު،” ހޮސްޕިޓަލުގެ ސީނިއާ ކޮމިޔުނިޓީ އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:15 އެހައިކަންހާއިރު ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ފަހުން ދެއްވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމާރާމާރީ ހިންގާފައވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ މަލްޓީ ސްޓޯރު ސަރަހައްދުގައެވެ. މާރާމާރީ ހިންގަން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މާރާމާރީ ހިންގައިފައިވަނީ އުމުރުން 17 އަަހަރުގެ ދެކުދިން ކަމަށެވެ. އެ ދެމީހުންނަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް ވަޅިން ހަމަލާދީފައިވަނީ އެކަކަށް ކަމަށް ފުހުން ވިދާޅުވިއެވެ.

މިމައްސަލަ މިހާރުދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޓެގު