English Edition
Dhivehi Edition
ޢުމަރު ޒާހިރު

ނިޝާނު ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރުޒާހިރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރެއްވުމުގައި އެބޭކަލެއްގެ ޙަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ލިބިވަޑައިގެންފައިވާ މާފަންނު މެރީގޯލްޑް ޢުމަރު ޒާހިރު އަވަހާރަ ވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ނިންމަވާފައެވެ.

ޢުމަރުޒާހިރު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސް ކޮޅަކަށްފަހު މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

1950 ވަނަ އަހަރު ޤައުމީ ޚިދުމަތުގެ ސިލްސިލާ ފެއްޓެވި ޢުމަރު ޒާހިރު، ފުރުއްވި މަޤާމް ތަކުގެ ތެރޭގައި އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި ދާޚިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ އިސްވެރިޔާގެ މަޤާމާއި އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި ހޯމް މިނިސްޓްރީގެ ނާއިބުކަމާއި ބަނޑޮސް ރިސޯޓުގެ މެނޭޖަރުކަމުގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި ، ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް ގެ މިނިސްޓަރު ކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ފާހަގަ ކޮށްލެވެއެވެ.