English Edition
Dhivehi Edition

ފަރެސްމާތޮޑާ އެއާޕޯޓް ރަންވޭގެ އޭ.ބީ.ސީ ފަށަލައެޅުމުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ން ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭގައި ތާރުއެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު ދަނީ ވަމުންނެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް 2018 ވަނަ އަހަރު ފަަށައި، ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނު ނަމަވެސް އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށްފަހު، ފަރެސްމާތޮޑާ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީ އާއި ސަރުކާރުން ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ.

އެމް.ޓީ.ސީ.ސީ އިން ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެއަރޕޯޓްގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެގޮތުން އެއާޕޯޓް ރަންވޭ، ޓަރނިންގ ޕެޑް، ޓެކްސީވޭ، އެޕްރޮން، ފަޔަރ ރޯޑާއި ފަޔަރ ޕެޑްގެ އިތުރުން ސަރވިސް ރޯޑުގެ ބެކްފިލިންގ އަދި ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީ އިން ވަނީ ވިދާޅުވެފައެވެ. އަދި މި ތަންތަނުގައި ސަބްބޭސްގެ ފުރަތަމަ ދެ ލޭޔަރާއި ބޭސް ކޯސް އެޅުމުގެ މަސައްކަތްތައް ވެސް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

މުޅި މަޝްރޫއަށް ބަލާއިރު ރަންވޭ، ޓަރނިންގ ޕެޑް، ޓެކްސީވޭ، އެޕްރޮން، ފަޔަރ ރޯޑް އަދި ފަޔަރ ޕެޑްގެ 83 އިންސައްތަ މަސައްކަތާއި، ޓެކްސީވޭ އާއި އެޕްރޮންގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމް.ޓީ.ސީ.ސީ އިން ވިދާޅުވެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އެއަރޕޯޓުގެ ފަޔަރ ބިލްޑިންގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، ޕަސެންޖަރ ޓަރމިނަލްގެ ކޮންކްރީޓް މަސައްކަތްތައްވެސް މިހާރު ނިމުމަކާއި ހިސާބަށް ގޮސްފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އެއަރޕޯޓުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކައި ބޭނުންވާ އިތުރު ވެހިކަލްތަކާއި ސާމާނު އެމް.ޓީ.ސީ.ސީ އިން މިދިޔަ އޮކްޓޯބަރު މަހު ވަނީ އެރަށް ގެންގޮސްފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ އެއާޕޯޓެކެވެ. މިމަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި 1،200 މީޓަރުގެ ރަންވޭ ހެދުމާއި، ޓެކްސީވޭއާއި ފްލައިޓް ޕާކުކުރާ އޭޕްރަންއާއި، ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމް.ޓީ.ސީ.ސީ އާއި ޙަވާލުކޮށްފައި ވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. އެހެންނަމަވެސް ކޯވިޑް-19އާއެކު ކުރިމަތިވި ގޮންޖެހުންތަކާއެކު އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ކުރީކޮޅު އެއާޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިންމާ ސަރުކާރާ ހަވާލުކުރުމަށެވެ.