English Edition
Dhivehi Edition
ރާއްޖެޓިވީ ރޯކޮށްލި ޙާދިސާ

2013 އޮކްޓޯބަރު 07 ވަނަ ދުވަހު ރާއްޖެޓީވީގެ ޚިދުމަތް ދެމުންދިޔަ ޢިމާރާތުގައި ހުޅުޖަހާ ރޯކޮށްލި ޙާދިސާއާއި ގުޅިގެން ދަޢުވާކުރާ ހ.ގަސްވާ މުޙައްމަދު މީޢާދުގެ މައްޗަށް ކުށް ސާބިތުވެ 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މިމައްސަލައިގެ ޙުކުމް އިއްވުމަށް މިއަދު ބޭއްވި އަޑު އެހުމުގައި ޤާޒީ ޢަލީ އާދަމް ވިދާޅުވީ މީއާދާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ރާއްޖެ ޓީވީގައި ރޯކޮށްލުމުގައި އޭނާ ބައިވެރިވިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

“މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެއްކާއި ގަރީނާތައް ޝަރީއަތުން ވަޒަންކޮށް ބެލި ބެލުމުން، މުހައްމަދު މީއާދުގެ މައްޗަށް ދައުލަތުން ކުޅަ މި ދައުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ. ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައިފިން،” ޤާޒީ ޢަލީ އާދަމް

މިމައްސަލާގައި މީޢާދަށް އަދަބު ކަނޑައެޅުނީ ޤާނޫނުލް އުޤޫބާތުގެ 220 ވަނަ މާއްދާގެ އެއްވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ ރ.ގެ އެއްވަނަ ނަންބަރުގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ކުށަށެވެ. މައްސަލާގައި މީއާދާ ދެކޮޅަށް ބޭނުންކުރި އެންމެ ބޮޑު ހެއްކަކީ އަންގި އެވެ. ދައުލަތުން ވަނީ އެ އަންގިން މީއާދުގެ ޑީއެންއޭ ފެނިފައިވާ ކަމުގެ ހެކި ހުށަހަޅާފައެވެ.

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައިގައި މީއާދުގެ އިތުރުން އިތުރު ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި މީއާދު ފިޔަވައި އިތުރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.

ރާއްޖެޓީވީ ހުޅުޖަހައި ރޯކޮށްލާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި މާސްކް އަޅައިގެން ތިބި 5 މީހަކުވެގެންނެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ ޢިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓެއް އަނދައި ގެން ދިޔަ މިހާދިސާގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެއްލުން އެސްޓޭޝަނަށް ލިބިފައިވެއެވެ.