ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ 64 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޯޕީޑީ އިމާރާތުގައި އެއާ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބުންޏެވެ.
ޖުމުލަ 33.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 2019 ގައެވެ. އެ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
ތިނަދޫ ހޮސްޕިޓަލަކީ ހުވަދޫގައި ހުންނަ ހޮސްޕިޓަލުތަކުގެ ތެރެއިން ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި ސިއްހީ ހިދުމަތްދޭ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ. އަދި މި ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރަށް ތަރައްގީކުރާ ހޮސްޕިޓަލުތަކުގެ ލިސްޓުގައި އެ ހޮސްޕިޓަލު ހިމަނާފައެވެ.