English Edition
Dhivehi Edition

ކުނި މެނޭޖްކޮށް ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަޙައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ މަޝްރޫޢު އިފްތިތާޙްކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރި ގޮތުގައި ނައްތާލައިގެން ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއްކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކީ ޢުމްރާނީ މަސައްކަތްތައް ވެސް އިތުރުވަމުން އަންނަކަމަށާއި، ފަތުރުވެރިކަން ފުޅާވެ އިޤްތިޞާދީ ޙަރަކާތްތައް ވެސް އިތުރުވަމުންދާއިރު މިފަދަ ކޮންމެ ބަދަލަކާއެކު، ކުނި އުފެދޭ މިންވަރު ވެސް އިތުރުވާނެކަމުގައެވެ.

ކުނި މެނޭޖްކުރާނެ މަރުކަޒުތައް ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި ޤާއިމުކުރުމުގެ ޙަޤީޤީ ބޭނުމަކީ މިއީކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަރުކަޒުތަކުގެ މަސައްކަތް ފަށައިގަތުމުން، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތައިލެވޭނެކަމުގައި ވިދާޅުވެފައެވެ.