English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ބޮޑުތަކުރުފާނު މަގު ދުވާ ޓްރެކާ ދިމާލު ފަޅުތެރޭގައި ތޮށިގަނޑާ ކައިރިކޮށްފައިއޮތް ލޯންޗަކާއި އެސަރަހައްދުގައި އޮތް ޓެކްސީ އެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށް ރާފުޅިތައް ހޯދާފައިވަނީ، މާލެއަށް ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއްގެ އިތުރުން 51 އަހަރުގެ ފިރިހެނެކެވެ. މިމީހުންގެ ތެރެއިން 51 އަހަރުގެ މީހާއަކީ ބަނގްލަދޭޝް ފިރިހެނެކެވެ. ދެން ތިބި ހަތަރު މީހުންނަކީ ދިވެހިންނެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ލޯންޗު ބަލައިފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި 12 ފޮށިގަނޑު ފެނިފައިވާކަމަށާއި އަދި ޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާ ފުޅިތަކެއް ހުރި ތިން ފޮށި ގަނޑު ފެނިފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިިރުކުރުމުން އެކަކުގެ ބަންދަށް 15 ދުވަސް ދީފައިވާއިރު، ދެމީހަކަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އަނެއް ދެމީހުންނަށްވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.