ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ ރާޖް ރައްޒާކް (29 އަހަރު) އާއި މުހައްމަދު ތަރީގުލް (25 އަހަރު)ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އިޕަރޭޝަނެއްގައިކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށްބެލެވޭ އެއްޗެއްހުރި ފުޅިއަކާއި، ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.