English Edition
Dhivehi Edition

ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން، މަސްވެރިކަމަށް ޙިދުމަތް ކޮށްދީފައިވާތީ ގއ.ގެމަނަފުށީ އުމުރުން 23 އަހަރުގެ ހަސަން ސާޖިން ހުސެއިން އަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެޖްރިކަލްޗާއިން ޚާއްސަ އެވޯޑެއް ދީފިއެވެ.

ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ސާޖިންއަށް މި އެވޯޑް ދިނުމަށް ނިންމާފައިވަނީ ރޭ ކ ގާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައެވެ.

ނަމަވެސް މި ޖަލްސާގައި ސާޖިންއަށް ބަިއވެރިވެވިފައި ނުވާތީ އެވޯޑް ފަހުން އޭނާއަށް ރައްދުކޮށްދިނުމަށް ވަނީ ނިންމާފައެވެ

މިކަމާ ގުޅިގެން ސާޖިން ފޭސްބުކް ޕޯސްޓެއްގައި ބުނެފައި އޮތީ، 7 އަހަރުގެ ވަންދެން ހުއްޓުމެއްނެތި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޕްލެޓް ފޯމްތަކުގައި މަސްވެރިކަން ޕުރޮމޯޓްކޮށް މިކަމަކީ ސަޅި ކަމެއް ކަން އަންގަން ކުރި މަސައްކަތުގެ އަގުވަޒަން ކޮށްދީފައިވާކަމަށެވެ. އަދި މީގެ އިތުރުން އޭނާ ވަނީ އެ ޕޯސްޓުގައި ރަޙުމަތްތެރިންނަށާއި އާއިލާގެ މީހުންގެ އިތުރުން އުރީދޫ މޯލްޑިވެސް އަށް ޝުކުރުދަންނަވާފައެވެ. .

ސާޖިން އަކީ ގްރޭޑް 9 އިން ފެށިގެން މަސްވެރިކަމުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އޭނާ އަންނަނީ ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް ޒުވާނުން މިދާއިރާއަށް ނެރުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖޭގެ މަސްވެރިކަން ދުނިޔޭގައި މާކެޓްކޮށް ރާއްޖޭގެ މަސްވެރިން ދުނިޔޭގައި މާކެޓް ކުރުމަށް މީސް މީޑިއާގައިވެސް ވަރަށް ބޮޑަށް ސާޖިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަމައެއާއިއެކު މަސްވެރިންނަށް ދިމާވާ އެކި އެކި ގޮންޖެހުންތަށް ހައްލުކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެންވެސް އޭނާ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސާޖިން އަކީ މިހާރު ރާއްޖޭގައި ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރެއްވެސްމެއެވެ.