އަލަށް ދުވަން ފަށާ މީހުން ދުވާއިރު ވަރަށް އަވަހަށް ނޭވާ ހުސްވާ ގޮތް ދިމާވެއެވެ. އާއްމު ގޮތެއްގައި މީގެ މާނައަކީ ދުވާ ބާރުމިން މާ ހަލުވީއެވެ. އެހެންނަމަވެސް ނޭވާ ލާން ޖެހޭ ވަރަށް ނޭވާ ނުލެވުމަކީ ވެސް ނޭވާ ހުސްވާން މެދުވެރިވާ އެއްސަބަބެވެ.އަދި ދުވާއިރު ނޭވާ ލާން ޖެހޭ ގޮތަށް ނެވާލުމަކީ ދުވަން ފަށާ ކޮންމެ މީހަކަށްވެސް އެނގުން ވަރަށް މުހިއްމު ކަމެކެވެ.
ޑީޕް ބެލީ ބްރީތިން އާއި ޝެލޯ ޗެސްޓް ބްރީތިން
ދުވަމުންދާއިރު ޑީޕް ބެލީ ބްރިތިން ޓެކްނީކް ބޭނުންކުރާށެވެ. އެހެނީ ހަށިގަނޑަށް ބޭނުންވާ މިންގަނޑަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި މި ޓެކްނީކް ޝެލޯ ޗެސްޓް ބްރީތިން އަށް ވުރެ މާ ރަނގަޅެވެ. އަހަރުމެން އެތެރެ ކުރާ ވައި ފުއްޕާމޭގެ ތެރޭގައި ހުންނަނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމުން ހަށިގަނޑަށް ލިބިދޭ އޮކްސިޖަން މަދުވެއެވެ. ނޭވާލުމުގައި ނުރަނގަޅު ގޮތެއް އިހްތިޔާރު ކުރުމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ހަށިގަނޑުގެ ތަނަކަށް ތަދު އަރާ ގޮތް ދިމާވެއެވެ. ދުވާއިރު ޑީޕް ބެލީ ބްރީތިން ޓެކްނީކް ބޭނުން ކުރުމަށް އެދެވިގެންވަނީ މުޅި ފުއްޕާމޭގެ ބޭނުން ކުރެވިގެންދާތީއެވެ. އަހަރުމެން އެތެރެއަށް ފޮނުވާ ވައި ފުއްޕާމޭގެ އެންމެ ތިރިއަށް ގޮސް އެތާނގައި ގިނައިރު ހިފެހެއްޓިގެން ދެއެވެ. އެހެންކަމުން ހަށިގަނޑަށް ނެގިގެންދާ އޮކްސިޖަންގެ މިންވަރުވެސް އިތުރުވެގެންދެއެވެ.
ޑީޕް ބެލީ ބްރީތިން ޕްރެކްޓިސް ކުރާނީ ކިހިނެއް؟
ދުވާއިރު ނޭވާލާން ޖެހެނީ ނޭފަތުން ހެއްޔެވެ؟ ނޫނީ އަނގައިން ހެއްޔެވެ؟
ދުވަމުން ގެންދާއިރު ސަމާލުކަން ދޭން ޖެހޭކަމަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން އެތެރެކޮށް ކާބަންޑައި އޮކްސައިޑް ބޭރުކުރަމުން ގެންދިއުމެވެ. އަހަރުމެންގެ ނޭފަތުން އެތެރެ ކުރެވޭ ވަރަށް ވުރެ ބޮޑަށް އަނގައިން އޮކްސިޖަން އެތެރެކުރެވޭ ކަމުން ދުވަމުން ދާއިރު ބޮޑަށް އަނގައިން ނޭވާލުމަކީ އެންމެ ބުއްދިވެރިގޮތެވެ. ނޭފަތުން ނޭވާލުމުން ވައި ސާފުކޮށްދިނަސް ހަށިގަނޑަށް ބޭނުންވާ އެންމެ ބޮޑަކަށް އޮކްސިޖަން ލިއްބައި ދެވޭނެ ގޮތް އިހްތިޔާރު ކުރުން މުހިއްމެވެ.
ދުވާއިރު ގެންގުޅެން އެންމެ ރަނގަޅު ބްރީތިން ޕެޓާރން
މަޑު ދުވެއްޔެއްގައި ދުވަމުން ދާއިރު 3:3 ބްރީތިން ޕެޓާރން އެއްގައި ހިފެހެއްޓުން އެދެވިގެންވެއެވެ. މީގެ މާނައަކީ އެތެރެއަށް ނޭވާ ލާއިރު 3 ފިޔަވަޅު އަދި ނޭވާ ބޭރު ކޮށްލާއިރުވެސް 3 ފިޔަވަޅު އެޅުމެވެ. މެދުމިން ދުވެއްޔެއް ދުވާއިރު 2:2 އަދި ބާރަށް ދުވާއިރު 1:1 ބްރީތިން ޕެޓާރން އިހްތިޔާރު ކުރާށެވެ. އެހެންނަމަވެސް މިއީ ދުވާ ކޮންމެ މީހަކަށް އެންމެ ރަނގަޅު ބްރީތިން ރޭޓް އަކަށް ނުވެދާނެއެވެ. މިކަމުގައި އެންމެ ރަނގަޅު ގޮތަކީ އެކިއެކި ބްރީތިން ޕެޓާރންތައް ޗެކްކޮށް ތިމާއަށް އެންމެ ރަނގަޅު ގޮތެއް އަމިއްލައަށް ކަނޑައެޅުމެވެ.