ގދ. ރަތަފަންދޫގައި ކޮވިޑް-19 ބަލި އަވަސް މުއްދަތެއްގެ ތެރޭގައި ފެތުރި، މުޅި ރަށުގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.
އެރަށުގެ ކޮވިޑް ހާލަތާއި ބެހޭގޮތުން އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނާއިބް ރައީސާ އަމާނީ މުއީން ވިދާޅުވީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 23 ފަރާތެއް ބައްޔަށް ފައްސި ވެފައިވާއިރު 157 މީހުންނާއެކު 47 ގެއެއް ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. އަމާނީ އިތުރަށް ވިދާޅުވީ ރަށުގެ ހާލަތު އިތުރަށް ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން އިތުރަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.
ރަތަފަންދޫގައި ދިރިއުޅޭ ގިނަ ރައްޔިތުންނަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ބައެއްކަން ފާހަގަކޮށް، ވީހާވެސް އަވަހަށް މިބަލިން ސަލާމަތްވުމަށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށާއި، މިފަދަ ދަނޑިވަޅެއްގައި އެންމެހާ ރައްޔިތުން ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކުރިޔަށް ދިޔުމަށް ކައުންސިލްގެ ނަމުގައި އެކަމަނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެގޮތުން ރަށުގެ މުއައްސަސާތަކާއި، އާންމު ފަރުދުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރާއި ސާބަސް ދީފައިވެއެވެ. އަދި މިގޮތަށް ގިނަ އާއިލާތަކެއް ކަރަންޓީން ކުރެވިފައި ވުމުން އެފަދަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ކައުންސިލް މެދުވެރިކޮށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ގދ. ރަތަފަންދޫއިން މި ބައްޔަށް މީހަކު ފައްސި ވެފައިވަނީ މި ހިނގާ ޑިސެމްބަރު 1 ވަނަ ދުވަހު ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ފަރާތެކެވެ. އަދި އެފަރާތް ފައްސި ވުމާއި ގުޅިގެން އެފަރާތުގެ ކޮންޓްރެކްޓް ޓްރޭސިންގ ހަދައި، ނެގުނު 4 ސާމްޕަލެއް ވަނީ ކޮވިޑް-19އަށް ފައްސި ވެފައެވެ.