English Edition
Dhivehi Edition
މަސްވެރިންގެ ދުވަހުގެ ޝުއޫރު ފާޅުކުރުން ފޮޓޯ:އޭއޯ ނިއުސް

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އިންތިޒާމުކޮށްގެން ކަނޑުމަތީގައި ކުރިއަށް ގެންދިޔަ ޝުއޫރުފާޅުކުރުމުގެ ހަރަކާތުގައި، މަސްވެރިންގެ ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަޑުއައްސަވައިފިއެވެ.

ރައީސް ސޯލިހް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ސަރުކާރުން މިއަހަރު ރާއްޖޭގައި މަސްވެރިންގެ ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކ. ގާފަރަށް ވަޑައިގަތުމުގެ ދަތުރުފުޅުގެ ތެރެއިންނެވެ. މަސްވެރިންގެ ދުވަހުގެ ޝުއޫރު ފާޅުކުރުމުގެ ހަރަކާތުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް ހުށައަޅާފައެވެ.

މި ގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މާލޭގެ ބަނދަރުގެ ދަތިކަމާއި، ކަންނެލި ގަންނަ އެންމެ ކުޑަ އަގެއް ކަނޑައެޅުމާއި، ފޯރާ އަގެއްގައި ސެޓަލައިޓް ފޯނުގެ ޚިދުމަތް މަސްވެރިންނަށް ދިނުން ހިމެނެއެވެ. މީގެ އިތުރުން ބޭރުގެ މަސްބޯޓުތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދާއެޅުން ހުއްޓުވުމާއި، އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ޤާނޫނު އެކުލަވައިލުންވެސް ހިމެނެއެވެ.

މި ހަރަކާތުގައި ކަންނެލި މަސްވެރިން ވަނީ އައިސް ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުތައް ނައްތާލައި އެއް އަގެއްގައި އައިސް ލިބޭނެ މަގު ފަހިކޮށްދެއްވާފައިވާތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ. ހަރަކާތުގެ ތެރެއިން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ އެ ޔޫނިއަންގެ ލޯގޯޖެހި ޓީ-ޝާޓެއް ރައީސް އަށް ހަދިޔާކުރައްވާފައެވެ.