މީގެ ކުރިން ފޭދޫ ލިންކުރޯޑުން ބަނދަރު ސަރަހައްދުގައި ހިންގަމުން އައި,އައްޑޫގެ ގިނަ ބަޔަކަށް ނަން މަޝްހޫރު 3 އެސް ލައުންޗް ގެ ރީ އޮޕެނިންގ އަށް ލިބުނު ދައުވަތަކާއެކު މީޑިއާ ޓީމާއެކު އެތަނަށް ކުރި ޒިޔާރަތުގައި ފެނިގެން ދިޔައީ ތަފާތު ކަންތައްތަކެވެ.
މެންދުރުގެ ކެއުމަށް ލިބުނު ދައުވަތަކާއެކު އެތަނަށް ދިޔައިރު ހީކުރެވުނީ އާންމު ގޮތެއްގައި އެފަދަ އިވެންޓްތަކުގައި ހުންނާނެ ބުފޭ ފެންނަން ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ހައިރާން ކަން ލިބި އަދި ޓީމު ކުދިންނަށް ވެސް މަޖާވީ ޝެފްގެ ޚާއްޞަ އާ ޑިޝްތައް ވެއިޓްރެސް ބޭނުން މީހުންނަށް ވަކިވަކިން ދިނީމައެވެ. އެކިކުލަކުލައިގެ މުޅިން އާ ބުއިންތަކާއި އެކު މެއިން ޑިޝްވެސް ހުރީ ހަމަ އެގޮތަށެވެ.
“އެކްސްޕްރެސޯ ޓޮނިކް” އާއި “މިސްޓީރިއަސް ނައިޓް” “ލިމޮނެއްލާ” “ހަޖަރާ” “ކާށިމެޓާ” އަދި “ޖުމުހޫރީ މޭވާ” އާއި “ކަޅުފޮއެރޭ” ގެ ނަމުން ނަން ދީފައި ހުރި ލުއިބުއިންތައް ޚާއްޞަ ވެފައި ރަހަ މީރެވެ. ރަހައާއި އެއްވަރަށް މެނޫގައި ހުރި އަގުތައް ވެސް ހެޔޮވެފައި ޖީބަށް މާބުރައެއް ނޫނެވެ. މިއީ އާންމުކޮށް އައްޑޫގެ ރެސްޓޯރެންޓްތަކުން ނުލިބޭނެ ކަހަލަ ޚާއްޞަ ބާވަތްތަކެއް ކަމަށް ބުނެ ޝެފްގެ މޮޅު ކަމަށް އެންމެން ވެސް ތައުރީފް ކުރިއެވެ. އެންމެ ޚާއްޞަ ކަމަކަށް ވީ މޫދު ފެންނެ ހިސާބުގައި ރާޅުގެ އަޑުއަހަމުން މިފަދަ ލުއިބުއިމަކަށް އިންސާފު ކުރެވޭނެ މާހައުލެއް އެތަނުގައި އޮތީމައެވެ.
މީގެ ކުރިން ފޭދޫ ލިންކްރޯޑުން ބަނދަރު ސަރަހައްދުގައި ހިންގަމުން އައި މި ރެސްޓޯރެންްޓް މިހާރު ހުޅުވާފައިވަނީ ތްރީ އެސްގެ ވޭވް ސައުންޑާއި ގުޅުވައިގެން އެތަނުގައި މުޅިން އެކަހެރި ހިތްގައިމު މާހައުލެއްގައެވެ. ތަނުގައި އިސްވެ މަސައްކަތް ކުރަން ހުރި ޝެފް މުޙައްމަދު ރަޝީދު (އާސފް) އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކަލިނަރީ އިންޑަސްޓްރީގައި މަސައްކަތް ކޮށް 15 އަހަރުގެ ތަޖުރިބާއާއި އެކު އެތަނާ ގުޅުނު ހުނަރުވެރި ޝެފެކެވެ.
ތްރީއެސް އިން ބުނީ ތަފާތު ކޮންސެޕްޓަކާއެކު އަލުން އެ ރެސްޓޯރެންޓް ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީ ވެސްޓެން ސްޓައިލް އަށް ޚާއްޞަ މެނޫތަކާއެކުގައި ކަމަށެވެ. އަދި އިންޑޯއަށް ވުރެ އައުޓްޑޯ ކޮންސެޕްޓް ގިނަ ބަޔަކަށް ކަމުދާތީ އެފަދަ މާހައުލެއްގައި ކެއުން ނުވަތަ ކޮފީ އަށް އިންސާފު ކުރެވޭނެ ގޮތަކަށް ކަމަށެވެ.
” ޕާޓީ ތަކަށާއި އެކިކަހަލަ އެއްވުން ތަކަށް ޚާއްޞަ ކޮށްގެން ކޭޓަރ ކުރެވޭ ގޮތަށް މިހާރު ތަން ފަރުމާކުރެވިފައި ހުންނާނީ. މިހާރުވެސް ވެޑިން ޕާޓީ ތަކާއި ކުޑަކުދިންގެ ޕާޓީތައް ބާއްވަމުން ދަނީ. ބީޗް ޕާޓީ ގެ ގޮތުގައި ހިތްގައިމު މާހައުލެއްގައި އިވެންޓް ބޭއްވޭނެ ތަނެއް މިއީ” ތްރީ އެސް އިން މައުލޫމާތު ދެއްވިއެވެ.
ރިބްރޭންޑްކޮށް އަލުން ރެސްޓޯރެންޓް ހުޅުވާފައިވާއިރު އެތަނުގައި ކެފެޓީރިއާ ގެ ގޮތުގައި ހިޔާކޮށްފައިވާ ބަޔަކީ ކުދިކުދި ބިޒްނަސް މީޓިން ތަކަށް ވެސް އެންމެ އެކަށީގެންވާ އެއްތަނަށް ވެގެންދާނެއެވެ. ހަމަ އެއާއެކު ރޮމެންޓިކް ޑޭޓް ތަކާއި އެދަފަ ސެލެބްރޭޝަންސް ތަކަށް އެތަނުގެ ބޭރުގައި ހަދާ ބީޗް ޑިނާއަކީ އެންމެ ރަނގަޅު ޗޮއިސް އަށް ވާނެއެވެ.
ވޭވް ސައުންޑް ގެސްޓް ހައުސް އާއި އިންވެގެން މިތަން ހުޅުވާ ޚިދުމަތް ދޭން ފަށާފައިވާއިރު 3 އެސް އިން ބުނީ ގެސްޓުންނަށް ބޭނުންވާ ޕްރައިވެސީ ދިނުމުގެ ގޮތުން އެ ދެމެދުގައި ޕާޓިޝަނެއް ޖަހައި 2 ތަން ވަކިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ. އަދި ގެސްޓުންނަށް ޚާއްޞަކޮށްގެން ވަކި ބައެއް ކެފޭ ގެ ގޮތުގައި ހުންނައިރު 3އެސް ލައުންޖަކީ އާންމުންނަށް ހުޅުވާލައިގެން ނޯމަލް ރެސްޓޯރެންޓް ގޮތަށް ޚިދުމަތް ދެމުންދާނެ ތަނެއް ކަމަށެވެ.
މިހާރުވެސް އައްޑޫއަށް އަންނަ ޖެޓްތަކަށް ޚާއްޞަކޮށްގެން ކޭޓަރިން ކުރިއަށް ދާއިރު ރީބްރޭންޑާއެކު 3 އެސްގެ ޚިދުމަތް ލިބެން ފެށުމަކީ އައްޑޫގެ ގިނަ ބަޔަކަށް ލިބިގެންދާނެ ހިތްހަމަ ޖެހުމަކަށް ވާނެއެވެ.