English Edition
Dhivehi Edition

ގދ. ނަޑެއްލާގައި ތަރައްގީކުރަމުން އަންނަ އައު އިންޖީނުގޭގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން ގދ. ނަޑެއްލާގައި އިމާރާތްކުރަމުންދާ އައު އިންޖީނުގެ އިމާރާތުގެ އިންޖީން ރޫމް މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ އިންޖީން ރޫމްގެ ފިނިޝިންގ މަސައްކަތްތަކެވެ. އެގޮތުން އިންޖީން ރޫމު ކުލަ ލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ އިންޖީނުގެއަކީ ކުރީގެ އިންޖީނުގެ ހުރި ސަރަހައްދާއި ދުރުގައި، އެރަށުގައި އާއްމުކޮށް މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ތަރައްގީކުރަމުން އަންނަ އިންޖީނުގެއެއް ކަމަށްވާތީ އިންޖީނުގޭގެ ނެޓްވޯކް ވެސް މި މަޝްރޫއުގެ ތެރެއިން ބަދަލުކުރެވިގެން ދާނެއެވެ. މިކަމަށް ބޭނުންވާ ޑިސްޓްރިބިއުޝަން ފޮށިތަކާއި ކޭބަލްތަކާއި އެހެނިހެން ބައެއް ސާމާނު މިހާރު އެރަށް ވަނީ ގެންގޮސްފައެވެ. އަދި މި މަސައްކަތް ނިމޭއިރު އެރަށުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޖުމްލަ 52 ޑިސްޓްރިބިއުޝަން ފޮށީގެ ތެރެއިން 30 ފޮށި ބަހައްޓާނެ ސްޓޭންގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި އައު އިންޖީނުގެއެއްގެ އިތުރުން އައު އޮފީސް އިމާރާތެއް ވެސް އެޅުމަށް ވަނީ ނިންމާފައެވެ. އޮފީސް އިމާރާތުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމުމަކާއި ހަމައަށް އައިސްފައެވެ. އޮފީސް އިމާރާތުގެ އެތެރޭގައި ޓައިލްސް ޖެހުމުގެ މަސައްކަތް މިހާރު ހިތްހަމަޖެހޭ ސްޕީޑުގައި ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެއެވެ.

ގދ. ނަޑެއްލާގެ އައު އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅުގައި ނިމުމަކަށް އައިސް ހިދުމަތްދޭން ފަށާއިރު އެތަނުގައި 25،000 ލީޓަރުގެ ޑީސެލް ސްޓޯރޭޖެއް ވެސް ގާއިމްކުރެވިފައި ހުންނާނެއެވެ.

ގދ. ނަޑެއްލާގައި ޒަމާނީ އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފެށީ މީގެ ދެއަހަރު ކުރިންނެވެ. އެހެންނަމަވެސް މަސައްކަތް ފުރަތަމަ ހަވާލުކުރި ފަރާތުން މަސައްކަތް ނުފަށައި ލަސްވުމާއި ގުޅިގެން ފެނަކަ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައި ވަނީ މިއަހަރުގެ ކުރީ ކޮޅުއެވެ.