English Edition
Dhivehi Edition
ފޮޓޯ: ނިޝާން އަލީ/މިހާރު

ޖޭއެސްސީއަކީ ދައުލަތުން ދަރަންޏަށް ލިޔެފައި ގެންދަން ފަރުމާ ކޮށްފައިވާ ކަންމަތީ ފިހާރައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. “މަރުހަބާ ރައީސް ޔާމީން” ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޙައްމަދު ޖަމީލު ވިދާޅުވީ ކޯޓުތަކަކީ ރާއްޖޭގެ ކުރިއެރުމާއި ޤާނޫނު އަސާސީގެ މުގައްދަސްކަން ހިފަހައްޓާން ހުރިތަންތަންކަމަށާއި އެއީ ސަރުކާރުގެ އާރުކާޓީއެއް ނޫންކަމަށެވެ. ޖަމީލު ވިދާޅުވީ ކޯޓުތަކަކީ ސަރުކާރު ނަގަހައްޓާ ތަނެއްވެސް ނޫންކަމަށާއި ސަރުކާރަށް ބަދަލު ނަގައިދޭ ތަނަކަށްވެސް އެތަން ވެގެންނުވާނެ ކަމުގައެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި މި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް އޮތް ތުހުމަތުތަކެއް ނޫން ކަމަށާއި މިކަންކަން ކޮށްފައިވާ މީހުން ތިބީ ސަރުކާރާ ޑީލް ހަދައިގެން ފިނި ކޮޓަރީގައި ކަމަށެވެ. މިރޮނގުން އެމަނިކުފާނުގެ ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް ޔާމީންގެ ތަހުގީގު ކުރިއަށްދިޔައިރު ތަހުގީގަށް ހޯދާފައިވާ ހެކިތަކަކީ އުފައްދާފައިވާ ހެކިތަކެއް ކަމަށާއި، ތަހުގީގަކީވެސް އުފައްދާފައިވާ އެއްޗެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ވުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ކްރިމިނަލް ކޯޓު ފެނިގެންދަނީ ސަރުކާރަށް ސިޔާސީ ބަދަލު ނަގައިދޭ ތަންތަނެއްގެ ގޮތުގައި ކަމަށާއި މިކަން މިގޮތަށް އޮވެއްޖެނަމަ ރާއްޖޭގެ ތަރައްގީއަށާއި، ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމަށް އޮތް ބޮޑު ހުރަހަށް އެކަން ވެގެންދާނެކަމަށް ވިދާޅުވިއެވެ.

ޖޭއެސްސީ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވައުދެއްކަން ފާހަގަކުރައްވަމުން ޖަމީލު ވިދާޅުވީ ވެރިކަމަށް ތިން އަހަރު ވެގެން ދިޔައިރުވެސް ޖޭއެސްސީ އިސްލާހު ކުރެވިފައިނުވާ އިރު ޖޭއެސްސީ ސިޔާސީ މަސައްކަތް ކޮށްދޭ ތަނަކަށް ހެދިގެން ނުވާނެ ކަމުގައެވެ.

ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ދައުވާ އުފުލި ހަމައެކަނި ސަބަބަކީ އަދި އެމަނިކުފާނުގެ ހަމައެކަނި ކުށަކީ ރާއްޖޭގެ ތާރީހުގައި ފެނިފައިނުވާ މިންވަރުގެ ތަރައްޤީ އެންމެ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސްދެއްވުން ކަމަށެވެ. ޑރ. ޖަމީލުވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން، އެމަނިކުފާނުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ޖީބުތައް ފުރާލައްވާނެ ކަމަށް މިރޭގެ ޖަލްސާގައި ވިދާޅުވެފައެވެ.