English Edition
Dhivehi Edition

ގދ. ހޯނޑެއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބޭސިކް އިލެކްޓްރިކް ޕްރޮގްރާމެއް ފަށައިފިއެވެ.

ހޯނޑެއްދޫ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މިޕްރޮގްރާމަކީ، އާންމު ދިރިއުޅުމުގައި ދިމާވާ ކަރަންޓުގެ ކުދިކުދި މައްސަލަތައް ހައްލު ކުރުމަށް ކަނބަލުން އަހުލުވެރިކުރުވުން ކަމަށް ހޯނޑެއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ދީނިޔާ ވަހީދު ވިދާޅުވިއެވެ. ދީނިޔާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމް ނިމޭއިރު ޕްރޮގްރާމްގެ ބައިވެރިންނަށް ގޭތެރޭގައި އާންމުކޮށް ދިމާވާ ކަރަންޓުގެ ކުދިކުދި މައްސަލަތަކަށް އަމިއްލައަށް ހައްލުކުރެވޭނެ ވަރަށް ޕްރޮގްރާމުން އެގިގެންދާނެ ކަމަށެވެ.

މި ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ މުއްދަތަށް ހޯނޑެއްދޫގައި ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި ޖުމްލަ 19 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި ބޭސިކް ކަރަންޓު މައްސަލަތަކުގެ އިތުރުން މި ޕްރޮގްރާމުގެ ބައިވެރިންނަށް ރައްކާތެރިގޮތުގައި ކައްކާ ގޭސްފުޅި ގުޅާނެ ގޮތްވެސް ދަސްކޮށްދޭނެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް މައުލޫމާތު ދެއްވަނީ ފެނަކަ ކޯޕަރޭޝަން ހޯނޑެއްދޫ ބްރާންޗުގެ ޓެކްނިކަލް މުވައްޒަފުންނެވެ.