English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ހުޅުދޫ ބަހާއުއްދީން މަގު

މުނިސިޕަލް ކަންކަމާ ގުޅޭ ގަވާއިދުތައް ހުޅުދޫ އަވަށުގައި ތަންފީޒުކުރުމުގެ މަސައްކަތް ހުޅުދޫ އަވަށު އޮފީހުން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ނެރުނު އިއުލާނެއްގައި ވަނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން އާންމުކޮށްފައިވާ މުނިސިޕަލް ކަންކަމާ ގުޅޭ ގަވާއިދުތައް ހުޅުދޫ އަވަށުގައި ތަންފީޒުކުރުމަށްޓަކައި ހުޅުދޫ އަވަށު އޮފީހުގެ ފަރާތުން މަސައްކަތްތައް ކުރިއަށްގެންދާއިރު، އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މި ގޮތުން އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދާއި، އާންމު އުނދަގުލާބެހޭ ގަވާއިދާއި، ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި މަގުމައްޗަށްވާ ގޮތަށް ބެހެއްޓުމާ ބެހޭ ގަވާއިދު ތަންފީޒްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދާއި، ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދާއި، މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދާއި، މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދާއި، މަގުމަތި ކުނިކެހުމާބެހޭ ގަވާއިދުވެސް ތަންފީޒުކުރުމުގެ މަސައްކަތް އަވަށު އޮފީހުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އޮޑިހަރުގެއާބެހޭ ގަވާއިދާއި، ރަށުގެ އާންމު ތަންތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުމާބެހޭ ގަވާއިދާއި، ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދާއި، ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދާއި، ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު ތަންފީޒްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.އަދި

މަގަށް ދަތިވާ ގޮތަށް ހުންނަ ރުއްގަސްތަކުގެ މައްސަލަ ހައްލުކުރުމާއި، މީގެ އިތުރުންވެސް އުޞޫލުތަކުގެ ތެރެއިން ތަންފީޒްކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެކަން ފާހަގަކޮށް ކައުންސިލުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.