އަންނަ އަހަރު އިންޑޮނޭޝިޔާގައި ބޭއްވުމަށް ހަމެޖެހިފައިވާ 18 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖެ ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ރޯވިން ހިމަނައިފިއެވެ.
އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ރޯވިން ހިމަނާފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މިހާރުވަނީ ރޯވިން އެސޯސިއޭޝަނަށް އަންގައިފައެވެ. އެ ކަމާބެހޭ އިތުރު މަޝްވަރާތައް އޮލިމްޕިކް ކޮމިޓީއާއެކު ވަރަށް އަވަހަށް ބާއްވާނެ ކަމަށް ރޯވިން އެސޯސިއޭޝަނުން އޮފް މޯލްޑިވްސްއިން ވިދާޅުވިއެވެ.
ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަބީބު ވިދާޅުވީ އޭޝިއަން ގޭމްސްގައި ރާއްޖެ ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ރޯވިން ހިމެނިކަމީ އެސޯސިއޭޝަނަށާއި އެތުލީޓުންގެ އިތުރަށް ރާއްޖޭގެ މުޅި ކުޅިވަރު އާއިލާއަށްވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ. މި މުބާރާތުގައި މީގެކުރިން ރާއްޖެއިން ރޯވިންގައި ބައިވެރިވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
ހަބީބު ވިދާޅުވީ މިއީ ރާއްޖޭގައި ރޯވިން ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އެހީތެރިކަމުގެ ނަތީޖާ ކަމަށެވެ. އެ އެސޯސިއޭޝަނުން މަސައްކަތް ކުރައްވަނީ ދިވެހި ޒުވާނުންނަށް ފުރުސަތު ދީގެން ރާއްޖޭގައި ރޯވިން ތަރައްގީކުރަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އޭޝިއަން ގޭމްސްގައި ރޯވިން ޓީމެއް ބައިވެރިކުރުމަށް ވާންޖެހޭ ތައްޔާރީތައް ދުރުނޫން މުސްތަގުބަލެއްގައި ފަށާނެ ކަމަށެވެ. އެ މަސައްކަތް ފަށާނީ ޓެކްނިކަލް މީހުންނާވެސް ވާހަކަ ދެއްކުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި ދެ ޒުވާނަކު މިހާރުވެސް ގެންދަނީ ސިންގަޕޫރުގައި ކުރިއަށްދާ ރޯވިން ކޭމްޕެއްގައި ބައިވެރިވަމުންނެވެ.