ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ މުޅި މުބާރާތުން އެއްވަަނަ ކ. ކާށިދޫ، އައްސިދަ، މަރިޔަމް އަރީން އީސާ ހޯދައިފި އެވެ.
ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން ބޭއްވި 32 ވަނަ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ، މުޅި މުބާރާތުން 1 ވަނައަށް ހޮވުނު ފަރާތްތަކަށާއި ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ 7 ޙާފިޒަކަށް ޝަރަފުގެ ފިލާ ޙަވާލުކޮށްދެއްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި، ޤައުމީ ޤުރުއާން މުބާރާތުގެ އެކި ކެޓެގަރީތަކުން 1 ވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 24 ބޭފުޅަކު ޤުރުއާން ހިތުދަސްކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މީގެކުރީގެ އަހަރުތަކާ އަޅާބަލާއިރު ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވައި މިސަރުކާރުން ކީރިތި ޤުރުއާނަށް ދެއްވާ އަހައްމިއްޔަތު، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޙާފިޒުންގެ އަދަދު އިތުރުކުރުމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވެވިއެވެ.
މިއަހަރުގެ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ޖުމްލަ 255 ބައިވެރިން ވާދަކުރިއެވެ. އެގޮތުން ހިތުން ކިޔެވުމުގެ ބައިގައި 66 ފަރާތަކުން ވާދަ ކުރާއިރު ފޮތުން ކިޔެވުމުގެ ބައި ނުވަތަ ބަލައިގެން ކިޔެވުމުގެ ބައިގައި 189 ބައިވެރިން ވަނީ ވާދަކޮށްފަ އެވެ.