މިއަދު ފާހަގަކުރަމުން މިދާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވަވާ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އާއި ހެޔޮއެދުން، އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމު ފޮނުއްވަވައިފިއެވެ.
ދުވަހުގެ މުނާސަބާއާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ އަހަރުގެ ވަކި ދުވަހެއް މުދައްރިސުންނަށް ޚާއްޞަކުރެވި އެފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މުދައްރިސުން ކުރައްވަވާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ މުދައްރިސުންގެ ޚިދުމަތަށް ޝުކުރުވެރިވުން ކަމަށެވެ.
“މި ސަރުކާރުގެ ތައުލީމީ ސިޔާސަތާ އެއްގޮތަށް އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތު ފަހިކޮށްދިނުމަށް އަޅުގަނޑުމެން ފަށާފައި މިވާ ދަތުރުގައި އެންމެ ބުރަ އަދި އެންމެ މުހިއްމު މަސްއޫލިއްޔަތު އަދާކުރައްވަނީ މުދައްރިސުން. މުޅި ގައުމުގެ އިގްތިޞާދީ ހަކަތައަށް ބޭނުންވާ ދަރިވަރުން ތަމްރީނުކުރެވެނީ މުދައްރިސުންގެ އަގުހުރި ބުރަ މަސައްކަތުން” މިނިސްޓަރ ޝިހާމު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މުދައްރިސުންގެ އަގުހުރި ޚިދުމަތަށް ކިތަންމެ ފަހަރަކު ޝުކުރުވެރިވީ ނަމަވެސް އެ ޚިދުމަތުގެ އަދާ ނުކުރެވޭނެ ކަމަށެވެ.
ދުވަހުގެ މުނާސަބާއާއި ގުޅިގެން މިނިސްޓަރ ވަނީ ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުންނާއި ރާއްޖޭގެ ސްކޫލްތަކުގެ ވެރިންނާއި ހުރިހާ މުވައްޒަފުންނާއި އަދި މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ކުރައްވަވާ ފަރާތްތަކާއި އެކި ދުވަސްވަރު މުދައްރިސްކަމުގެ މަގާމުގައި ޚިދުމަތް ކުރައްވަވާފައިވާ ހުރިހާ ފަރާތްތަކަށް ވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަވާފައެވެ.