English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން އޮފިސަރުންނަށް ހާއްސަކޮށްގެން ‘މޯލްޑިވްސް ވިމެން އިން ޕޮލިސިންގ’ ކޮންފަރެންސް ބާއްވައިފިއެވެ.

އިސްކަންދަރުކޮށީގައި މިއަދު ކުރިއަށް ގެންދިޔަ އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

މާލެއާއި އަތޮޅުތައް ހިމެނޭހެން އެކި ދާއިރާތަކުން 23 އަންހެން އޮފިސަރުން ބައިވެރިވި މި ކޮންފަރެންސަކީ ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެވެ. އެކި ދާއިރާތަކުން އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ހިންގުމުގެ ދާއިރާގެ ހުނަރުތަކާއި އެ ހުނަރުތައް އިތުރަށް ތަރައްގީ ކުރުމާއި، އަމިއްލަ ނަފްސުގެ ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން މުސްތަގުބަލަށް ކަންކަން ރާވައި ހިންގުމަށް މަސައްކަތްކުރާނެ ހުނަރުތައް ކިޔައިދީފައިވެއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ފުލުހުންގެ ތެރޭގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ފުލުހުންގެ ހިދުމަތުގައި ފުރަތަމަ ފަހަރަށް ޗީފް އިންސްޕެކްޓަރ ރޭންކުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް އަންހެން ތިން އޮފިސަރުން ޕްރޮމޯޓްކޮށް، ފުރަތަމަ ފަހަރަށް ފުލުހުންގެ ތެރޭގައި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރެވިގެންދިޔަކަމަށް ވިދާޅުވިއެވެ. އަދި މި ކޮމިޓީ، މަދު ދުވަސްތަކެއްގެ ތެރޭގައި އިންތިހާބުވެގެން ދާނެކަމަށާއި އަންހެނުންނަކީވެސް ފުލުހުންގެ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ބައެއްކަމަށާއި މިހާރުވެސް ފުލުހުންގެ އެކި ދާއިރާތަކުގައި އަންހެނުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.